ޚަބަރު

އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ ސްޕޮންސަރަކަށް ދިރާގު


ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ހެނދުނު އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރަސްމީޔާތެއްގައެވެ.

އެގޮތުން ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މާރކެޓިންގެ ސީނިއަރ މެނޭޖަރ މުޙައްމަދު މިރްޝާން ހަސަންއެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއަރޕާސަން ޒުލޭޚާ ހަސަން ދީދީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ދިރާގު މާރކެޓިންގެ ސީނިއަރ މެނޭޖަރ މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެވުނިތީ އުފާކުރާކަމަށެވެ. އަދި ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލްގެ ހަރަކާތްތަށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި އެ ޖަމިއްޔާއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ބައިކް މޯލްޑިވްސް ގެ ޗެއަރޕާސަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ، ދިރާގުން މި މުބާރާތުގެ މެއިން ސްޕޮންސަރަކަށްވީތީ އެކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މިފަދަ މުބާރާތެއް ކުރިޔަށްގެންދިޔުމުގައި ސްކޫލްތަކުގެ މެނޭޖްމަންޓާއި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ޒުލޭޚާ ފާހަގަކުރެއްވިއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު ހުޅުމާލޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިހަ ސްކޫލަކުން ސަތޭކާ ފަންސާހެއްހާ ކުދިން ބައިވެރިވެފައިވާކަމަށް އެ ޖައްމިޔާއިން މައުލޫމާތުދެއެވެ.

ޕީ.އެސް.އެމް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ބައިކް މޯލްޑިވްސްގެ މެންބަރ އިބްރާހިމް ޝަރީފް ބުނީ، މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. ޝަރީފް ބުނީ މި މުބާރާތް ކުރިޔަށްދާނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެ އުމުރުފުރާތަކަކީ، ހަތް އަހަރުން ދަށް، ދިހަ އަހަރުން ދަށް އަދި ސޯޅަ އަހަރުން ދަށުގެ އިތުރުން އެކާވީސް އަހަރުން ދަށުގެ އުމުރުފުރާކަމަށެވެ.

ބައިކް މޯލްޑިވްސް އަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.
ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 20 ޑިސެމްބަރ 2016. އެހެންނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ބައިކް މޯލްޑިވްސްއިން އަންނަނީ ބައިސިކަލް ދުއްވުމަށް އާއްމުންނަށް ހިތްވަރުދީ، ތިމާވެއްޓާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު ހަރަކާތްތައް އިންތިޒާމްކޮށް، ހިންގަމުންނެވެ.

އެގޮތުން ބައިކް މޯލްޑިވްސް އަމިއްލައަށް އިސްނަގައިގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ މުހިއްމު ދުވަސްތަކާއި ގުޅުވައިގެން ސަރުކާރުގެ މުއައްސަސާތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް އެ ޖަމިއްޔާއިން އަންނަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.