ޚަބަރު

ޔޫސުފް އެސްޓެސްގެ ޚާއްޞަ ދަރުސެއް މާދަމާ ރޭ ހުޅުމާލޭގައި އޮންނާނެ


އެމެރިކާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިސްލާމީ ދާޢީ ޔޫސުފް އެސްޓެސް ގެ ޚާއްޞަ ދަރުސެއް މާދަމާ ރޭ ހުޅުމާލޭގައި ބާއްވަން ހަމަޖެހިއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

"ކޮމަން މިސްކޮންސެޕްޝަންސް އަބައުޓް އިސްލާމް" ނުވަތަ އިސްލާމް ދިނާމެދު ދެކެވޭ ޞައްޙަ ނޫން ވާހަކަތަކުގެ މައްޗަށް ދެއްވާ މި ދަރުހަކީ އާންމުކޮށް ހުރިހާ އެންމެނަށް ދައުވަތު ދީގެން ބާއްވާ ދަރުހެކެވެ.

މި ދަރުސް ދެއްވާ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިސްލާމިކް މިނިސްޓްރީ އިން ދެއްވި ދަޢުވަތަކަށެވެ.

ޔޫސުފް އެސްޓެސްގެ މި ދަތުރުގައި ރާއްޖޭގައި ކުރިއަށްގެންދާ ބައެއް ދީނީ ޙަރަކާތްތަކުގައި ބައިވެރިވާނެއެވެ. އެގޮތުން މިރޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހުކުރުއުފާ ފެސްޓިވަލްގައިވެސް ޔޫސުފް އެސްޓެސްގެ ދަރުހެއް އޮންނާނެއެެވެ.

އިސްލާމިކް ޕަރސަނަލިޓީ އޮފް ދި އިޔަރގެ އެވޯޑުވެސް ލިބިފައިވާ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސްއަކީ އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ދީނީ ޙަރަކާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ދީނީ ދަރުސް ދެއްވާ ބޭފުޅެކެވެ.