ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތ. ގާދިއްފުއްޓަށް ވަޑައިގެންފި


ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ތ. ގާދިއްފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގާދިއްފުއްޓަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ތ. ގާދިއްފުއްޓަކީ އާބާދީގައި ގާތްގަނޑަކަށް ހަތަރު ސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ގާދިއްފުށީގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އިސްރަށްވެހިންގެ އިތުރުން ގާދިއްފުށީގެ އަންހެން ކަނބަލުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަށް އޮޅުން ފިލުއްވާ، އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.

އެންމެ ގާތުން ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު ފަށްޓަވާފައިވާ ކެމްޕެއިނެކެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއ މީހުންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ދާއިރާއިން ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި އެކަންކަން ޙައްލުކުރެއްވުމަށް ހިންގަވާ ކެމްޕެއިނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެއަތޮޅު ވިލުފުށި، މަޑިފުށި، އަދި ގުރައިދޫއަށް ވަޑައިގެން، އެރަށްރަށުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަންހެންނުންނާއި، އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. ހަމަައެހެންމެ މިއަދުގެ ވަގުތެއްގައި ތ. ގާދިއްފުށީގެ އިތުރުން ދިޔަމިގިއްޔާއި، ވޭމަންޑޫއަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭގެ ވޭމަންޑޫގައި ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި މާދަމާވެސް ތ.އަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަރިހުގައި ދަޢުލަތުގެ ބައެއް ވަޒީންނާއި، ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.