ޚަބަރު

ފަތްތޫރައިގެ އެޕާއި ބަސްތޫރައިގެ 5 ޢަދަދު އިފްތިތާޙްކޮށްފި


"ފަތްތޫރައަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނަކާއި އިނގިރޭސި ލަފްޒުތަކަށް ދިވެހި ބަސް އުފައްދައި އެ ބަސްތައް ހިމަނައިގެންނެރޭ "ބަސްތޫރަ"ގެ 5 ވަނަ ޢަދަދު ނެރެފިއެވެ.

ދިވެހިބަހުގެ ދުވަހާއި ޤައުމީ ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާގައި ފަތްރޫރައިގެ އެޕް އިފްތިތާހްކޮށްދެއްވީ ދިވެހިބަހަށް ޚިދުމަތްކުރާ ބޭފުޅެއްކަމަށްވާ މުސްތަފާ ޙުސެއިންއެވެ. އަދި "ބަސްތޫރައިގެ 5 ވަނަ ޢަދަދު ނެރެދެއްވީ ބްރޯޑް ކާސްޓިންގް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ.

ފަތްރޫރައަކީ ބަހުގެ އެކެޑަމީއިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. މި މަޖައްލާއަކީ ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކާއި ލިޔުންތަކާއި ޅެންވެރިކަމުގެ ތަފާތު ބައިތައްވެސް ހިމެނޭ މަޖައްލާއެކެވެ.

އެންޑްރޮއިންޑް ފޯންތަކަށް ޚާއްސަކޮށްގެން ހަދާފައިވާ މި އެޕްގައި ތިންސަތޭކައެއްހާ މަޖައްލާ ހިމެނޭކަމަށް ބަހުގެ އެކެޑަމީން ބުނެއެވެ. މި އެޕް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު މި މަޖައްލާތައް ކިޔާލެވޭނެކަމަށް އެކެޑަމީން ބުނެއެވެ.

ފަތްތޫރައިގެ އިތުރުން ދިވެހިބަހުގެ އެކެޑަމީން މިވަނީ އިނގިރޭސި ލަފްޒުތަކަށް ދިވެހި ބަސް އުފައްދައި އެ ބަސްތައް ހިމަނައިގެންނެރޭ "ބަސްތޫރަ"ގެ 5 ވަނަ ޢަދަދުވެސް ނެރެފައެވެ. ބަސްތޫރައަކީ 2014 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ފޮތެއް. މި ފޮތަކީ ބޭރު ބަސްބަހުގައި ހިމެނޭ ލަފުޒުތަކުގެ ބަދަލުގައި ދިވެހި ބަހުން ބޭނުންކުރާނެ ލަފުޒުތަކާއި އަލަށް އުފަންވާ ދިވެހި ބަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.