ދުނިޔެ

އިންޑިއާ - ނޫސްވެރިންނަށް ބިރުވެރި ޤައުމެއް


އިންޑިއާގެ ޤާނޫނުއަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އެޤައުމުގެ ރައްޔިތުންނަށް ވަނީ ކަށަވަރުކޮށްދީފައެވެ. އެޤައުމުގެ މީޑިއާ އިންޑަސްޓްރީއަކީ ހުރިހާ ފިކުރެއްގެ ތަމްސީލުކޮށްދޭ ބިޔަ އިންޑަސްޓްރީއެކެވެ. ނަމަވެސް އިންޑިއާގެ ނޫސްވެރިން ބުނަނީ އެޤައުމުގެ ސަރުކާރާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާފައި ޚަބަރު ހަދާ ފަރާތްތަކަށް އެކި ކަހަލަ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރުވެފައިވާކަމަށެވެ. މިގޮތުން ސަރުކާރަށް ފާޑުކިޔާފައި ރިޕޯޓްތައް ލިޔުނު 3 ފަރާތެއް މިދިޔަ ހައެއްކަ މަސްދުވަސް ތެރޭގައި މަޤާމުން ވަކިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ބައެއް ނޫސްވެރިންނާއި ޓީވީ ޕްރެޒެންޓަރުން ބުނާގޮތުން މޯދީއަށް ތާޢީދުކުރާ ހިންދޫއިން ދަނީ އެމީހުންނަށް ތަފާތު ގޮތްގޮތުން ބިރުދައްކަމުންނެވެ. ޖިސްމާނީގޮތުން އަނިޔާދޭނެކަމަށް ބުނާއިރު ސޯޝަލް މީޑިއާގައި ފުރައްސާރުކުރުން އިތުރުވެފައިވާކަމަށް ނޫސްވެރިން ބުނެއެވެ.

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް ބުނާގޮތުން އިންޑިއާ ސަރުކާރު ހިންގާ ހިންދޫއިން ދަނީ އެކި ނަންނަމުގައި ނޫސްވެރިންނާ ދެކޮޅަށް ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ. އަދި އެފަދަ ކެމްޕެއިންތަކުގެ ތެރެއިން ނޫސްވެރިންނަށް ބިރުދައްކާ، ޖެއްސުންކުރުމުގެ އެތައް އަމަލެއް އިންޑިއާގައި ހިންގާކަމަށް ބައިނަލްޢަޤްވާމީ ޖަމްޢިއްޔާތަކުން ބުނެއެވެ.
އިންޑިއާގެ ފުރަތަމަ އަމިއްލަ ޓީވީ ޗެނަލް އެންޑީޓީވީގެ ބާނީ ޕްރަނޮއީ ރޯއީ ވިދާޅުވީ މީޑިއާތަކާ ދެކޮޅަށް ދޮގު ތުހުމަތުތައްކޮށް، މީޑިއާތައް ބަންދުކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންޑީޓީވީގެ މައްސަލައެއްވެސް ބަލަމުންދާކަމަށާއި ނަމަވެސް އެއީ ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލެއްކަމަށް އެންޑީޓީވީން ބުނެއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ލިޔާ ކޮލަމިސްޓެއްކަމަށްވާ ސަގަރިކާ ގޯސް ބުނީ އެއްޗެއް ލިޔާތާ މާގިނައިރުތަކެއް ނުވަނީސް އޭނާއަށް ރޭޕްކޮށް މަރާލާނެކަމަށް ބުނެ ބިރިދެއްކުމުގެ މެއިލްތަކާއި ސިޓީތައް ގެއަށް އަންނަކަމަށެވެ.
އެންޑީޓީވީގެ މަޝްހޫރު ޕްރެޒެންޓަރެއްކަމަށްވާ ރަވިޝް ކުމާރު ބުނީ ޙަބަރުގެ މަސައްކަތުގައި ތަނަކަށް ދާއިރަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އެތަނަކަށް އެއްވެ އޭނާއަށް ޖެއްސުންކޮށް، ފުރައްސާރަކުރަމުންދާކަމަށެވެ. އަދި މިއީ ރޭވިގެން ހިންގަމުންދާ ކަންތައްތަކެއްކަމަށް އޭނާ ބުންޏެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނާގޮތުން މިދިޔަ އަހަރު އިންޑިއާގައި މަރާލި 3 ނޫސްވެރިޔަކު މަރާލާފައި ވަނީ އެމީހުންގެ މަސައްކަތާ ގުޅިގެންކަމަށެވެ. އޭގެތެރޭގައި ހިމެނޭ ގައުރީ ލަންކޭޝް ކިޔާ އަންހެނަކު މަރާލީ ހިންދޫއިންގެ ހައްދުފަހަނަ އަޅާފައިވާ މީހެކެވެ.

މީގެ އިތުރުން މީޑިއާތައް ހިންގާ ފަރާތްތަކަކީ އެހެން ވިޔަފާރިތައްވެސް ހިންގާ ފަރާތްތަކެއްކަމުން، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކުގެ ވެރިންނަށްވެސް އެކި ގޮތްގޮތުން ސަރުކާރުން ޖެއްސުންކުރާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މިގޮތުން ހިދުސްތާނު ޓައިމްސްގެ އެޑިޓަރ ބޮބީ ގޯޝް މަޤާމުން ވަކިވީ އެނޫހުގެ ވެރިޔާއާ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވިތާ ދުވަސްކޮޅެއްފަހުންނެވެ. ހިންދުސްތާނު ޓައިމްސްގައި މަސައްކަތްކުރާ ދެ މީހަކު ބުނި ގޮތުގައި، ބޮބީގެ އެޑިޓޯރިއަލް ސިޔާސަތާމެދު މޯދީ ހިތްޕުޅުހަމައެއް ނުޖެހެއެވެ. ސަބަބެއްކަމަށްވީ އިންޑީއާގެ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް ހިންދޫއިން ހިންގާ ޖަރީމާތަކުގެ ވާހަކަދެއްކުމެވެ.
ރިޕޯޓާސް ވިތައުޓް ބޯޑަރސްއިން ޢާއްމުކޮށްފައިވާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއިން ދައްކާގޮތުން 180 ޤައުމު ހިމެނޭ ލިސްޓުން އިންޑިއާއަށް ލިބެނީ 138 ވަނައެވެ. މިއީ މިޔަންމާ، އަފްޣާނިސްތާނު އަދި ޒިންބާބުވޭއަށް ވުރެވެސް ދަށެވެ. (ރާއްޖެ އުޅެނީ އިންޑިއާއަށް ވުރެ 18 ދަރަޖަ ކުރީގައެވެ)