އިންތިޚާބުތަކަށް ކެމްޕެއިންކުރާ ސިޔާސީ ފަރާތްތަކަށް އެމީހުންގެ މެސެޖު ރައްޔިތުންނަށް ދިނުމަށް ޓީވީއާއި ރޭޑިއޯއަކީ ވަރަށްވެސް މުހިއްމު ވަޞީލަތެކެވެ. ޓެކްނޮލޮޖީއާއެކު މީޑިއާގެ އެކި އެކި ވަޞީލަތްތައް ޤާއިމްވެފައިވީ ނަމަވެސް ޓީވީއާއި ރޭޑިއޯއަށް ދޭ އަހަމިއްޔަތުކަން ވަކި ކުޑައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އިންތިޚާބުތަކުންވެސް މިކަން ހާމަވެއެވެ.
ލުބްނާނުގައި އަންނަ މޭމަހު ބާއްވާ ޢާއްމު އިންތިޚާބަށް އެޤައުމުން ތައްޔާރުވަމުންދާއިރު، ޓީވީއާއި ރޭޑިއޯތަކަށް ވަނީ ބާރުބޮޑުވެފައެވެ. ވީހާވެސް ގިނަ ވަޞީލަތްތައް ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކުން ދަނީ އެމީހުންގެ މެސެޖު ފޯރުކޮށްދެވޭތޯ ބަލަމުންނެވެ. ނަމަވެސް މިކަމުގައި އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވަނީ ލުބްނާނުގެ ޓީވީއާއި ރޭޑިއޯތަކުން ވަގުތު ވިއްކަމުންދާ އަގުތަކަށެވެ. ބައެއް ޓީވީ ސްޓޭޝަންތަކުން ސިޔާސީ ފަރާތްތަކަށް ވަގުތު ދެނީ މިނެޓެއް 4000 ޑޮލަރުގެ ރޭޓުންނެވެ. އަދި ޓޯކް ޝޯވއެއްގެ އަގު އުޅެނީ 240000 ޑޮލަރުގައެވެ.
އިންތިޚާބުގެ ދުވަސްވަރު ޓީވީއާއި ރޭޑިއޯތަކުން ވަގުތު ވިއްކާ އަގުތައް ބޮޑުވެފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި އެސްޓޭޝަންތަކަށް ރަނގަޅު އާމްދަނީއެއް ލިބިފައިނުވަތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެ ސަބަބަކީ އެޤައުމުގެ ސިޔާސީ މައިދާނުގައި އޮތް ނުތަނަވަސްކަމެވެ. މިއަހަރު ބޭއްވުމަށް މަސައްކަތްކުރާ އާއްމު އިންތިޚާބަކީ 2009 ވަނަ އަހަރު ފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން ދަނޑިވަޅުގެ ބޭނުން ހިފަން ލުބްނާނުގެ މީޑިއާތަކުން ދަނީ ގަދައަށް މަސައްކަތްކުރަމުންނެވެ.
ކެމްޕެއިން އިޝްތިހާރުތަކުން ފެށިގެން، ޓީވީ އަދި ރޭޑިއޯތަކަށް ދޭ އިންޓަވިއުތަކަށްވެސް ލުބްނާނުގެ ސްޓޭޝަންތަކުން ދަނީ ފައިސާ ނަގަމުންނެވެ. ކެނޑިޑޭޓުންނަށް ޚާއްސަ ޕެކޭޖްތައް ތަޢާރަފްކޮށްފައިވާއިރު، ޕެކޭޖްތަކުގެ އަގު 1.5 މިލއަން ޑޮލަރަށް އަރައެވެ. ޓީވީ ސްޓޭޝަންތަކުން މިނެޓަކަށް 4000 ޑޮލަރާއި 6000 ޑޮލަރު ނަގާއިރު މީގެ މަހެއްހާ ދުވަސްކުރިން މިއަދަދު އުޅުނީ 1000 ޑޮލަރުގައެވެ. ލުބްނާނުގެ އިންތިޚާބުތަކާ ބެހޭ ޤާނޫނުގައި ކެމްޕެއިނަށް ޚަރަދުކުރެވޭނެ މިންވަރެއް ކަނޑައަޅާފައިވާއިރު، މީޑިއާތަކަށް ޚަރަދުކުރާ މިންވަރު ބެލުމަށް ޚާއްސަ ކޮމިޝަނެއްވެސް ވަނީ އެކުލަވާލާފައެވެ. ނަމަވެސް އެކަމުގައި މީޑިއާތަކުން މަކަރު ހަދަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.
ލުބްނާނުގެ އާއްމު އިންތިޚާބުގައި 597 ކެނޑިޑޭޓުން ވާދަކުރާއިރު މީގެ ތެރޭގައި ގިނައީ ލުބްނާނުގެ ރައްޔިތުންނަށް އާ މޫނުތަކެވެ. ނަމަވެސް ޓީވީއާއި ރޭޑިއޯތަކުގައި ވަގުތު ދިނުމުގައި ގެންގުޅޭ އުސޫލުގެ ސަބަބުން އަލަށް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފައެވެ. އެމީހުން ބުނާގޮތުން ފައިސާގެ ބޮޑެތި އަދަދުތަކެއް ދައްކައިގެން ޓީވީތަކުން ވަގުތު ހޯދާނެ ފެންވަރެއް އެމީހުންގެ ކިބަޔަކު ނެތެވެ. އެހެންކަމުން ލުބްނާނުގެ އިންތިޚާބުތަކަކީ ހަމައެކަނި މުއްސަނދިން ވާދަކުރޭވެނެ އިންތިޚާބެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ޓީވީއާއި ރޭޑިއޯ ސްޓޭޝަންތަކުން ވަގުތު ގަތުމުގެ ތަނަވަސްކަން ނެތް ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް އޮތް ހަމައެކަނި ވަޟީލަތަކީ ސޯޝަލް މީޑިއާއެވެ.