ޚަބަރު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި އެކްސްޕޯ ކުރިއަށްދަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި މިމަހުގެ 24 އިން 26 އަށެވެ.
މި އެކްސްޕޯ ރާއްޖޭގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއެވެ. ރާއްޖޭގެ ފިސަރީޒް ޕްރޮމޯޝަނަލް ބޯޑުން މަސްވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކުވެސް މި އެކްސްޕޯގައި އަންނަނީ ބައިވެރިވަމުންނެވެ.
މިއަހަރުގެ ސީފުޑް އެކްސްޕޯގައި ރާއްޖޭގެ ފަރަތުން ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި މިފްކޯ، މޯލްޑިވްސް މެރިން ޕްރޮޑަކްޓް، ހޮރައިޒަން ފިސަރީޒް، އެންސިސް ފިޝަރީޒް، އޯޝަން ހަންޓާރސް، ސީސްޕިއަރ މެރިން ހިމެނެެއެވެ. މީގެ އިތުރުން ޔޫރޯ މޯލްޑިވްސް ގްލޯބަލް އާއި، އޯޝަން ފްރެސް އާއި، ބިގް ފިސް މޯލްޑިވްސް އަދި އޯޝަން ސީފުޑްވެސް މި އެކްސްޕޯގައި ބައިވެރިވެއެވެ.
މި އެކްސްޕޯއަކީ މިދާއިރާގެ ވިޔަފާރިތަކަށް މާކެޓް ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިއަހަރުގެ އެކްސްޕޯގައި 78 ޤައުމަކުން 1،946 ކުންފުނިން ބައިވެރިވެއެވެ.