ޚަބަރު

10 ވަނަ ފިޝްކޭމްޕް މ.މުލަކުގައި ފަށައިފި


މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ޚާސަކޮށްގެން ކުރިއަށްގެންދާ 10ވަނަ ފިޝް ކޭމްޕް މ.މުލަކުގައި ފަށައިފިއެވެ.

މި ފިޝް ކޭމްޕަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އިސްނަގައިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

"ފިޝް ކޭމްޕް"ގެ ނަމުގައި ކުރިއަށްގެންދާ މި ކޭމްޕަކީ މަސްވެރިކަމާ ގުޅޭގޮތުން ތަފާތު މަޢުލޫމާތު ދިނުމާއި، ކަނޑުމައްޗާއި، އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަރުތައް ޙިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމާއި ދަރިވަރުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ.

ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދް ވިދާޅުވީ މި ކޭމްޕުގެ ސެޝަންތަކުގައި މަޢުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ދޭނެކަމަށެވެ. ފިޝްކޭމްޕްގެ ފުރަތަމަ ދުވަހު ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މޫދުގައި ދިމާވާ ޙާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ރާއްޖޭގައި ކުރާ އެކި މަސްވެރިކަމުގެ ބާވަތްތަކާއި، މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު ޒަމާނީ ވަސީލަތްތަކާ ގުޅޭގޮތުންނެވެ.

ދިހަވަނަ ފިޝް ކޭމްޕުގައި 4 ސްކޫލަކުން މެރިން ސައިންސް ކިޔަވާ 35 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި މުލަކު ސްކޫލާއި، މ. މަޑުއްވަރީ ސްކޫލާއި މާލޭ ހިރިޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން ހިމެނެއެވެ. ކޭމްޕުގައި ބައިވެރިވި ދަރިވަރުން ބުނީ މި ކޭމްޕުގެ ސަބަބުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގައި ބޭނުންކުރާ އެކިއެކި ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާއި، ތަފާތު ބާވަތްތަކުގެ މަސްވެރިކަން ދެނެގަންނާނެ ގޮތްތައް އެނގިގެން ގޮސްފައިވާކަމަށެވެ.

ފިޝްކޭމްގެ ސެޝަންތައް ކުރިއަށްގެންދަނީ ފީޝަރީޒް މިނިސްޓްރީއާއި އެމްއެންޑިއެފް ގުޅިގެންނެވެ. މި ކޭމްޕަކީ 6 ދުވަހުގެ މުއްދަތައް ކުރިއަށްދާ ކޭމްޕެކެވެ.

މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ޢަމާޒުކޮށްގެން "ފިޝް ކޭމްޕް"ގެ ނަމުގައި ކުރިއަށްގެންދާ މި ކޭމްޕަކީ 2007ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ކޭމްޕެކެވެ. ހަމައެކަނި މޭލޭގެ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ޢަމާޒުކޮށްގެން ފެށި މިކޭމްޕް މިހާރު ކުރިއަށްގެންދަނީ އަތޮޅުތަކުގައި މި މާއްދާ ކިޔަވާ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށެވެ.