ޚަބަރު

ޗެމްބަލައިންއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެ - ލިވަޕޫލް


ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލްގެ އިނގިރޭސި މިޑްފީލްޑަރު އޮކްސްލައިޑް ޗެމްބަލައިން އަށް ޖޫން މަހު އޮންނަ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބުން ބުނެފިއެވެ.

ޗެމްބްލައިން އަށް އަނިޔާވީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗުގައި ރޯމާ އަތުން 5-2 އިން ލިވަޕޫލް މޮޅުވި މެޗުގެ ވަރަށް ކުރީކޮޅެވެ.

ލިވަޕޫލުން ބުނީ އޮކްސްލައިޑް ޗެމްބަލައިން އަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި މިހެންވެ އޭނާގެ ރިހިބެލިޓޭޝަން ޕްރޮގްރާމް މިހާރުއްސުރެ ފަށައިފައިވާ ކަމަށެވެ.

ވޯލްޑް ކަޕުގައި ނުކުޅެވޭތީވެ ޗެމްބަލައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ އުއްމީދު ކުރަނީ ކުރިއަށްހުރި މެޗުތަކުގައި ކުޅެން ކަމަށާއި ނަމަވެސް އެ ފުރުސަތު ނެތުމުން ކުޅެންތިބި ކުޅުންތެރިންނާއި ޓީމަށް ކާމިޔާބު ހޯދައިދޭން އޭނާ ހުރީ އެ އެންމެންގެ ފަހަތުގައި ކަމަށެވެ.

އާސެނަލް އިން ލިވަޕޫލަށް މިސީޒަނުގައި ބަދަލުވުމަށްފަހު ޗެމްބްލައިން މިހާތަނަށް ވަނީ ލިވަޕޫލަށް 34 މެޗު ކުޅެދީފައެވެ.