ޚަބަރު

ރިއާލް މޮޅުވީ މޮޅަށް ޑިފެންސްކުރުމުން - ރާމޯސް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ރޭ ފަހަތުން އަރައި 2-1އިން ބަޔާން މިއުނިކް އަތުން ރެއާލް މެޑްރިޑް މޮޅުވީ ރަނގަޅަށް ޑިފެންސް ކުރުމުން ކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރޭގެ މެޗަށްފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ރާމޯސް ބުނީ، މެޗުގައި ރިއާލުން ޑިފެންސް ރަނގަޅަށް ކުރިކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ރަނގަޅުގޮތުގައި ކުރިކަމަށެވެ.

"ލިބޭ ފުރުސަތުތަކުން ގޯލްޖެހީ އަހަރެމެންގެ ޓީމުން، ޑިފެންސްވެސް ރަނގަޅަށްކުރީ އަހަރުމެން" ރާމޯސް ބުންޏެވެ.

ބަޔާންގެ ކެޕްޓަން ތޯމަސް މުލާ ބުނީ އޭނާގެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

"މޮޅު ނުވެވުމުން ދެރަވެއްޖެ، ދެން އޮތީ ދެވަނަ ލެގުގައި އައު ހިތްވަރަކާއިއެކު މަސައްކަތްކުރުން" މުލާ ބުންޏެވެ.

މި ދެ ޓީމުގެ ތެރެއިން ފައިނަލްގައި ކުޅޭނެ ޓީމެއް ކަނޑައަޅަން ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގައެވެ.

ރޭގެ މެޗުގައި ކިމިޗް ލަނޑު ޖަހާފައިވަނިކޮށް ރެއާލް އަށް އެއްވަރުކޮށްދިނީ ޑިފެންޑަރު މާސެލޯއެވެ. ރެއާލް މޮޅުކޮށްދިން ލަނޑު ފަހު ހާފު ފަށައިގެން މާގިނަ އިރެއްނުވެ ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް މާކޯސް އަސެންސިއޯއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެން ވާދަކުރަނީ ލިވަޕޫލާއި ރޯމާއެވެ.