ޚަބަރު

ފިކުރީ މުދަލުގެ ދުވަސް


"އިންޓަލެކްޗުއަލް ޕްރޮޕަޓީ" ނުވަތަ ފިކުރީ މުދަލޭ ކިޔަނީ، މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އުފައްދާ އާ އީޖާދަށެވެ. ފިކުރީ މުދާ އުފެއްދުމާއި އެފަދަ މުދާ ޙިމާޔަތްކުރުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ވަރަށްބޮޑު އަހަމިއްޔަތުކަމެއްދޭކަމެކެވެ. ކޮންމެ އަހަރެއްގެވެސް ބައިނަލްއަޤްވާމީ ފިކުރީ މުދަލުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހެވެ.

ފިކުރީ މުދަލަކީ އަދަބީ ގޮތުންނާއި ފަންނީ ގޮތުން އަލަށް އީޖާދުކުރެވޭ އީޖާދުތަކެވެ. ރާއްޖެއަކީވެސް ވަރަށް އިހު އެވޭލާ ޒަމާނުންސުރެން އަދަބީ، ފަންނީ އުފެއްދުންތެރިން ތިބި ޤައުމެކެވެ. ރާއްޖެއަކީ މި ސަރަހައްދަށް ބަލާއިރުވެސް ނިސްބަތުން ފަންނީ މީހުން ގިނަ ޤައުމެކެވެ.

ފިކުރީ މުދާ ޙިމާޔަތް ކުރުމުގެ ގޮތުން، "ވަރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން" ގެ ނަމުގައި ބައިނަލްއަޤްވާމީ ޖަމާޢަތެއް އުފައްދާފައިވަނީ، 2000 ވަނަ އަހަރެވެ. މި ޖަމާޢަތުގެ މައިގަނޑު މަޤްސަދަކީވެސް ފިކުރީ މުދަލުގެ ގޮތުގައި އުފައްދާ އީޖާދުތައް ނަކަލުކުރުމުން ރައްކާތެރިކުރުމުގެ ގޮތުން އީޖާދަށް ޚާއްސަ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރުމެވެ. ފިކުރީ މުދާ ޙިމާޔަތްކުރުމަށް ރާއްޖޭގައިވެސް 2010 ވަނަ އަހަރުގެ ތެރޭގައި ވަނީ ކޮޕީރައިޓް ޤާނޫނެއް ހަދާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުއްﷲ މުޙައްމަދު ވިދާޅުވީ، 2010 ވަނަ އަހަރު ވުޖޫދަށްއައި ކޮޕީރައިޓް ޤާނޫނަކީ އެންމެ ފުރިހަމަ ޤާނޫނެއް ނޫންކަމަށާ، މި ދާއިރާއަށް ޚާއްސަ ވަކި ޤާނޫނެއް އޮންނަންޖެހޭކަމަށެވެ. އެހެންކަމުން ދުނިޔޭގެ ފިކުރީ މުދަލާބެހޭ ޖަމްޢިއްޔާއާ ގުޅިގެން އައު ޤާނޫނުތައް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ލިޔެވިފަ އޮތް ޤާނޫނޫގައި މިއޮތީ ޖުމްލަ ގޮތެއްގައި ގަނޑުކޮށް ލިޔެވިފަ އޮތްކަމެއް. އެހެންނަމަވެސް އެއަށްވުރެ ތަފްސީލްކޮށް އެއަށްވުރެ ރަނގަޅަށް މި ނިޒާމް ޤާއިމްކުރެވި ހަރުދަނާ ކުރެވި، އަދި ހައްޤުވެރިންނާއި، ހައްޤުގެ ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކުރެވޭނެ ޤާނޫނީ ހައިސިއްޔަތުތަކެއް އެބަ އޮންނަންޖެހޭ."

އަބްދުއްﷲ މުޙައްމަދު ވިދާޅުވިއެވެ.

އަބްދުﷲ މުޙައްމަދު ވިދާޅުވީ، ފިކުރީ އަދި ފަންނީ މުދަލުގެ ރައްކާތެރިކަމަކީ މުޖްތަމައުގައި އެހާބޮޑަށް ވަޒަންކުރެވޭ އެއްޗަކަށް ނުވާކަމަށެވެ. ރާއްޖޭގައި މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނެތުމުން ފިކުރީ މުދަލުގެ ހައްޤުވެރިންނަށް އެކަށީގެންވާ ޢާމްދަނީއެއް ނުލިބޭކަމަށާއި، އެމެރިކާ، އިނގިރޭސިވިލާތް، ސައުތު ކޮރެއާ، ޖަޕާން ފަދަ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ފިކުރީ މުދަލަކީ އެމީހުންގެ އިޤްތިޞާދުގައި ވަރަށް ބޮޑުބައެއް ޙިއްސާކުރާ އެއްޗެކެވެ. އަދި ފިކުރީ މުދަލުގެ ޙައްގުވެރިންނަކީ ވަރަށް ބޮޑެތި ޢާމްދަނީ ލިބޭބައެއްކަންވެސް އަބްދުއްﷲ މުޙައްމަދު ފަހަގަކުރެއްވިއެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކަށް ބަލާލާއިރު، އެމެރިކާ، އިނގިރޭސިވިލާތް، ސައުތު ކޮރެއާ، ޖަޕާން ފަދަ ޤައުމުތަކުގައި ފިކުރީ މުދަލަކީ އެމީހުންގެ އިޤްތިޞާދުގައި ވަރަށް ބޮޑުބައެއް ހިއްސާކުރާ އަދި ފިކުރީ މުދަލުގެ ޙައްގުވެރިންނަކީ ނުވަތަ އުފެއްދުންތެރިންނަކީ ވަރަށް ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖެގައި މިކަމަށް އެހާބޮޑު ހޭލުންތެރިކަމެއް ނެތުމާ އަދި ޝައުޤުވެރިކަން ނުވަތަ ސަމާލުކަން ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ފިކުރީ މުދަލުގެ ޙައްޤުވެރިންނަށް ދެމެހެއްޓެނިވި އާމްދަނީއެއް ލިބިފައެއްނުވޭ."

އަބްދުއްﷲ މުޙައްމަދު ވިދާޅުވިއެވެ.

ފިކުރީ މުދަލާއި ބެހޭގޮތުން ރާއްޖޭގައި ކޯޓުތަކަށް ހުށަހަޅާފައިވަނީ ވަރަށް މަދު ޢަދަދެއްގެ މައްސަލަތަކެކެވެ. ފިކުރީ މުދާ ރައްކާތެރިކުރުމުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަންނަނީ ދެމުންނެވެ. އަދި ސަރުކާރުން ދަނީ ފިކުރީ މުދާ ޙިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކަލެކްޓިވް މެނޭޖްމަންޓް އޮގަނައިޒޭޝަނެއް އުފައްދަވައި، ފިކުރީ މުދާ ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.