ޚަބަރު

ހުކުރު އުފާގެ ހަރަކާތްތައް އަލުން ފަށަނީ


ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ހުކުރު އުފާގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ މި ޙަރަކާތަކީ، އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދަން ރާވާފައިވާ އިސްލާމީ ފެސްޓިވަލެކެވެ. "ހުކުރު އުފާ" ޚާއްޞަ ކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.

ކޮންމެ ހަފްތާއަކު ހުކުރުދުވަހު ކުރިއަށްގެންދާ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، ހުކުރު އުފާގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ލިބެންހުރެއެވެ. މި ފެސްޓިވަލުގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މައުލޫމާތާއި، ދީނީ ގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

ދެ ދަނަފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ދުވާލުގެ ދަންފަޅީގައި، ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ކުޅިވަރުތަކާއެކު އާއިލާތައް ހިތްހަމަޖެހޭނެ މާހައުލެއްއުފެދޭގޮތަށް ކުރިއަށްގެންދެއެވެ. އަދި ރޭގަނޑުގެ ދަންފަޅީގައި ދީނީ މައުޟޫތަކަށް ދަރުސް ދިނުން ކުރިއަށްގެންދެއެވެ.

މިހަފްތާގެ ހުކުރުދުވަހުގެ ރޭގަނޑު ދަންފަޅީގައި ދަރުސްދިނުމަށް ހަމަޖެހިފައިވަނީ "އިސްލާމްދީން އިޚްތިޔާރުކުރަންވީ ކީއްވެ؟"މި މަޢުޟޫއަށެވެ. އިސްލާމީ މަރުކަޒު ސަރަޙައްދުގައި ދަރުސްދެއްވާނީ ދުނިޔޭގެ މަޝްހޫރު ދާޢީ ޔޫސްފް އެސްޓަސްއެވެ.