ޚަބަރު

ރިޔާސީ އިންތިޚާބުގެ ކަންކަމުގައި ލަފާދޭ ޤައުމީ ކޮމިޓީ އެކުލަވާލަން ނިންމައި، ޕާޓީތަކަށް ދައުވަތު ދީފި


ރިޔާސީ އިންތިޚާބާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދިނުމަށް އެކުލަވާލާ "އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ" އެކުލަވާލަން ނިންމައި، ސިޔާސީ ޕާޓީތަކާއި މުއައްސާސާތަކަށް ދައުވަތު ފޮނުވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދުގެ ދަށުން ރިޔާސީ އިންތިޚާބާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ލަފާ ހޯދުމަށާއި، މަޝްވަރާކުރުމަށް "އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ" އެކުލަވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދެއެވެ.

މި ކޮމިޓީގައި ހިމެނެނީ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުންނެރޭ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ މަންދޫބުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ޖަމިއްޔާތަކުގެ މަންދޫބުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، "އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ" އެކުލަވާލަން އެކޮމިޝަނުން ނިންމައި، ކޮމިޓީގައި ބައިވެރިވުމަށް މުއައްސަސާތަކާއި، ޕާޓީތަކަށް ދައުވަތު ދީފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދުގެ ދަށުން، މި ކޮމިޓީ އެކުލަވާލާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައި ނުވާ ޕާޓީތަކާއި، އަމިއްލަ ފަރާތްތަކަށް، އެފަރާތްތަކުގެ މަންދޫބުން ފަހުން ކޮމިޓީގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ޤައުމީ ކޮމިޓީ އެކުލަވާލާފައިވާއިރު، ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަމަހު އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.