ޚަބަރު

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި


މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ 23ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑުދިފިއެވެ.

އެމް.ޑަބްލިއު.އެސް.ސީ ގެ 23ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކުންފުނީގެ މުވައްޒަފުންނާ ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވަމުންދާ މީހުންނަށް އެވޯޑުދިނުމަށް ދަރުބާރުގޭގައި ވަނީ ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. މިޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓު އެންޑް އެނާރޖީ ޠާރިޤް އިބްރާހީމެވެ. އަދި މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުންނާއި ސްޓާފުން ބައިވެރިވެފައިވެއެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވަނީ އެމްޑަބްލިއުއެސްސީގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރި މުވައްޒަފުންނާއި، 10އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެތެރެއިން، ފާހަގަކުރެވޭ މުވައްޒަފުންގެ ޚިދުތުގެ އަގުވަޒަންކޮށް އެވޯޑްދީފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ ފެނާއި ނަރުދަމާގެ މަޝްރޫތައް ކުރިއަށްގެންދިއުމަށް މިސަރުކާރުންދޭ އިސްކަން، މާލެއާއި ރަށްރަށުގައި ކުރިޔަށް ގެންދާ މަޝްރޫތަކާއި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އެމްޑަބްލިއުއެސްސީ ތަރައްޤީކުރުމަށް ކުރިޔަށް ގެންދާ ޕްލޭނުން އެކަނިވެސް ސާބިތުވާކަމަށެވެ.

" 54 ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެމްޑަބްލިއުއެސްސީއާ ޙަވާލްކޮށް، މިސަރުކާރުން ދަނީ ކުރިޔަށް ގެންދަމުން. މިއީ 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢު. މިކަމުންވެސް ދޭހަވަނީ ސަރުކާރުން ރައްޔިތުންނަށް ރައްކާތެރި ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށްދޭ އިސްކަން." މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ހޯދާފައިވާ އެކިއެކި ކާމިޔިބީތައް ފާހަގަކޮށްފައެވެ. މިއީ ރައީސް ޔާމީންގެ ހެޔޮ ވިސްނުންފުޅުގެ ދަށުން އެކުލަވާލާފައިވާ ޕްލޭން، މުވައްޒަފުންނާ، ގުޅުން ހުރި އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ތަންފީޒުކުރަމުންދާދިއުމުގެ ސަބަބުން ލިބޭ ކުރިއެރުންތަކެއްކަން ފަޒުލް ފާހަގަކުރެއްވިއެވެ.

"2014ވަނަ އަހަރު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކުންފުންޔަށް ދިމާވި ހާދިސާއަށްފަހު، ތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދެވި ޕްލޭނަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ޕްލޭނެއް." ފަޒުލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒުލްވަނީ ރާއްޖޭގެ ކުންފުންޏަކުން އުފައްދާ ފުރަތަމަ ޕްރިމިއަމް ކޮލިޓީގެ ފެން އުފެއްދުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަން ހާމަކޮށްފައި. މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް އެއްވިއުގަޔަކުން ގުޅުވާލުމުގެ ގޮތުން ޕައިޕް އެޅުމަށް 46 މިލިއަން ރުފިޔާގެ މަޝްރޫޢެއް ދާދި އަވަހަށް ފެށާނެކަން ފަޒުލް ހާމަކުރެއްވި.