ޚަބަރު

މައުމޫނާއި ޢަބްދުﷲ ސަޢީދު ދަޢުވާއަށް އިންކާރުކޮށްފި


ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދައުވާއަށް ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އިންކާރުކޮށްފިއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ދައުލަތުން އުފުލާފައިވަނީ އެއްވެސް އަސާސެއްނެތް ދައުވާއެއްކަމަށެވެ. އަދި ކުށެއް ނުކުރާކަމަށްވެސް މައުމޫން ވިދާޅުވިއެވެ. ދަޢުވާއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ސަޢީދު ވިދާޅުވީ ޝަރީއަތްތައް ހިންގަމުން އަންނަނީ ހިތު ހުރިގޮތަކަށްކަމަށާ ޤާނޫނު އަސާސީވަނީ މުޅިން ފުޑާލާފައިކަމަށެވެ. އަަދި މީ އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޝަރީއަތެއްކަމަށްވެސް ޢަބްދުﷲ ސަޢީދު ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. އެހެންނަމަވެސް މިއަދު ބޭއްވި އަޑުއެހުން ދިގުވުމުގެ ސަބަބުން މިމައްސަލައިގެ އަލީ ހަމީދުގެ ބައި މަދާމާ ކުރިޔަށް ގެންދިޔުމަށް ކޯޓުން ވަނީ ނިންމާފައެވެ.