ކުޅިވަރު

ބަނގްލަދޭޝް އަތުންވެސް ބަލިވެ، ރާއްޖެ ކަޓައިފި


ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ، އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރާއްޖެ ކަޓައިފިއެވެ.

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިއްޔެ ހަވީރު ނިކުތީ މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ބަނގްލަދޭޝް މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ގެންދިޔައީ 25-15 ނެވެ. ތިންވަނަ ސެޓު ގެންދިޔައީ 25-22 ނެވެ. މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. ތިންވަނަ ސެޓުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، ސެޓުގެ ކުރީކޮޅު ރަނގަޅު ލީޑެއްވެސް ނަގާފައެވެ. ރާއްޖެއިން ބާވީސް ޕޮއިންޓް ހޯދާ، މެޗުގެ ތިންވަނަ ސެޓު ކާމިޔާބު ކުރުމާއި ގާތަށް ޖެހިލިނަމަވެސް ބަނގްލަދޭޝްއިން ވަނީ ފަހަތުން އަރާ މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މެޗަށްފަހު ޤައުމީ ވޮލީ ޓީމްގެ ކޯޗު މުހައްމަދު ސާޖިދު ބުނީ، މެޗުން ބަލިވިޔަސް ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. މެޗުގެ ފުރަތަމަ ދެ ސެޓުގެ ކުޅުން ދަށްކޮށް ދިޔަނަމަވެސް ފަހު ސެޓުގައި ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަމަށް ކޯޗު ބުންޏެވެ. ސާޖިދު ބުނީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވާނީ މިފަދަ ބޮޑެތި މުބާރާތް ތަކުގައި ގިނަ މެޗުތަކެއް ކުޅެގެންކަމަށެވެ. ހާއްސަކޮށް ޓީމުގައި މިހާރު ތިބި ޒުވާން އާ ކުޅުންތެރިންނަށް މެޗު ތަޖުރިބާ ބޭނުންވާކަން ސާޖިދު ފާހަގަކުރިއެވެ.

"އިއްޔެ މެޗާ ( ނޭޕާލް އަތުން ބަލިވި މެޗު ) ބަލާފައި މިއަދުގެ މެޗުގެ ކުޅުން ކުޑަކޮށް ރަނގަޅޭ ބުނެވޭނީ. ދެން ފުރަތަމަ ދެ ސެޓުގެ ކުޅުން ދަށްކޮށް ދިޔަނަމަވެސް ފަހު ސެޓުގައި ދެއްކި ކުޅުން ހަމަ ފާހަގަކުރަން. މިހާރު މިއޮތް ޒުވާން ޓީމު އިތުރަށް ރަނގަޅު ވާނީ މިފަދަ ބޮޑެތި މުބާރާތް ތަކުގައި ގިނަ މެޗުތަކެއް ކުޅެ، އެ ކުޅުންތެރިންނަށް މެޗް އެކްސްޕީރިއަންސް ލިބިގެން." ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

ޓީމްގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ، ނޭޕާލް މެޗަށްވުރެ ބަނގްލަދޭޝް މެޗުގައި ދެއްކި ކުޅުނު ރަނގަޅުކަމަށެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ދަށްކޮށް ދިޔަނަމަވެސް ފަހު ސެޓުގައި ޓީމު ދެއްކި ކުޅުން ރަނގަޅުކަމަށާއި، ތިން ވަނަ ސެޓު ކާމިޔާބުކުރަން ފުރުސަތު ލިބުނު ނަމަވެސް ނަސީބު އެހީ ނުވީކަމަށް ކެޕްޓަން ލޯންގޭ ބުންޏެވެ.

" ނޭޕާލާ ދެކޮޅަށް ކުޅުނު މެޗާ ބަލާފައި ކުޅުން ރަނގަޅު. ފުރަތަމަ ދެ ސެޓު ދަށްކޮށް ދިޔައީ، އެކަމަކު ފަހު ސެޓުގައި ވަރަށް ރަގަޅަށް ކުޅެ ސެޓު ކާމިޔާބުކުރަންވެސް ފުރުސަތު ލިބުނު. ދެން ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ ދެއްކުނު ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ." ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ.

މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭ.ވީ.ސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުންވެސް ރާއްޖެ ކެޓީ މޮޅެއް ނުލިބިއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭއިން ސެމީ ފައިނަލުގެ ޖާގަ ހޯދީ ނޭޕާލާއި ބަނގްލަދޭޝްއެވެ.