ކުޅިވަރު

ޔޫތްސިޓީ ފުޓްސަލް ކަޕް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފައްޓަވައިދެއްވައިފި


ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ޔޫތް ސިޓީ ފުޓްސަލް ކަޕް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރޭ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

136 ޓީމާއިއެކު މުބާރާތް ރޭ ފެށީ އަންހެން ޑިވިޝަންގެ މެޗަކުންނެވެ. ދިވެހި ސިފައިން ކުލަބާއި ޒެނިތު ސްޕޯރޓްސް ކުލަބު ވާދަކުރި މެޗު 1-0 ން ކާމިޔާބުކުރީ ޒެނިތުއެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަންގެ ދެޓީމެވެ. މިމެޗު ޑެސްޕަރާޑޯ އެފްސީއަން ކާމިޔާބުކުރީ މެޗު އެއްވަރުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލެޓީގައި ކުރިހޯދައިގެންނެވެ. މެޗު ޑެސްޕަރާޑޯއިން ކާމިޔާބުކުރީ ދާއެޅުން ޕްރޯއާ ވާދަކޮށް 54 ނެވެ. ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅެނީ ނޮކްއައުޓް އުޞޫލުންނެވެ.

ކޮންމެ ޑިވިޝަނެއްގެވެސް ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ މި މުބާރާތުގައި މިއަހަރު 136 ޓީމް ވާދަކުރާނެއެވެ. އޭގެތެރޭގައި އަންހެން ޑިވިޝަންގައި ވާދަކުރާ 16 ޓީމް ހިމެނެއެވެ. މިއީ މުބާރާތުގައި އަންހެން ޑިވިޝަން ހިމެނި ފުރަތަމަ ފަހަރެވެ. އަންހެން ޑިވިޝަންގެ މެޗުތައް ކުޅޭނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. މުބާރާތުގައި އަތޮޅުތެރެއިން ވެސް ވަނީ ޓީމްތައް ބައިވެރިވެފައެވެ. މީގެއިތުރުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީންސް ސްރީޓްސް ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިދިޔައަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ބަޖިޔާއެވެ.

މުބާރާތުގެ ދެވަނަ ޓީމަށް ބައިލައްކަ ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް ފަންސަވީސްހާ ރުފިޔާ އެޗްޑީސީން ވަނީ ކަނޑައަޅުއްވާފައެވެ.
މިއީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ. އެޗްޑީސީން ބުނީ ޔޫތް ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްޤީވެގެން އަންނައިރު ސަރުކާރުގެ ތަޞައްވަރާ އެއްގޮތްވާގޮތުގެ މަތީން މިފަދަ ފުރުޞަތުތައް ޒުވާނުންނަށް ހުޅުވާލާ، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރުމަށް އިސްކަންދެއްވާކަމަށެވެ. މިފަހަރުގެ މުބާރާތުގައި 2500 އެއްހާ ޒުވާނުން ބައިވެރިވާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.