ޚަބަރު

އިފޮޕްކާގެ ދެން އޮތް ދައުރުގެ ރައީސަކަށް ޖަނާހު


އޭޝިއާގެ އެންމެ ބޮޑު ކޮންސްޓްރަކްޓަރުންގެ ޖަމުޢިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ވެސްޓާރން ފެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސަކަށް މުޙައްމަދު އަލީ ޖަނާހް އައްޔަންކުރަން ނިންމައިފިއެވެ.

މަށިން މިކަން އިއުލާންކޮށްފައިވަނީ މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ އިފޮޕްކާގެ ރައީސް ދާތުކް މަތިއު ޓީ ކައި ވޫން އަށް މަރުހާބާ ކިޔުމަށް ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ޑިނަރ ނައިޓެއްގައެވެ. މި ޑިނަރ ނައިޓްގައި މަސީގެ ރައީސް އަބްދުއްﷲ މުޙައްމަދާއި އިފޮޕްކާގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މަސީގެ މެންބަރުންނާއި، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސީގެ އެކްޒެކެޓިވް ބޯރޑް މެންބަރ އަދި އިފޮޕްކާގެ މިހާރުގެ ނާއިބު ރައީސް މުޙައްމަދު އަލީ ޖަނާހް އިފޮޕްކާގެ ދެން އަންނަ ދައުރުގެ ރައީސްކަމަށް އަންނަ ނޮވެންބަރުމަހު ހަވާލުވުމަކީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބިގެންދާ ޝަރަޕެއްގެ ގޮތުގައި އެނާ ސިފަކުރެއްވިއެވެ. އަދި އެކަމާއި ވަރަށް އުފާކުރައްވާކަމަށާއި ރައީސްކަމުގެ ދައުރުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ގިނަ ފައިދާތަކެއް ގެނައުމަށް މަސައްކަތްކޮށްދީ ފެއަރ ކޮންޓްރެކްޓިންގ ސްޓޭންޑާރޑް ޕްރެކްޓިކްސް ދުނިޔޭގައި އުފެއްދޭތޯ މަސައްކަތްކުރައްވާނެކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.

މި ޑިނަރނައިޓް ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒުލީން އަޙްމަދު ވަނީ ރާއްޖޭގައި މީހަރު ކުރިއަށްދާ ބޮޑެތި ތަރައްޤީގެ މަޝްރޫތަކަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރ އަޒުލީން ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާ އިޤްތިޞާދުގެ ދެވަނައިގައި މިހަރު އޮތްނަމަވެސް ކުރިމަގުގައި މިއީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދާއިރާއަށްވުމަކީ ދުރުގައިވާކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިފޮޕްކާގެ މެންބަރަކަށް މަސީ ވެފައިވަނީ މީގެ 11 އަހަރު ކުރިންނެވެ. އިފޮޕްކާގެ މެންބަރުންގެ ތެރޭގައި މިހާރު ދުނިޔޭގެ 19 ޤައުމެއް ހިމެނެއެވެ.
އިފޮޕްކާގެ ކޮންވެންޝަން މިދިޔަ އަހަރު ކޮރެއާގައި ބާއްވާފައިވާއިރު މި ކޮންވެންޝަންގައި 858 ކޮންސްޓްރަކްޝަން ކުންފުނި ވަނީ ބައިވެރިވެފައެވެ. މިއަހަރު މި ކޮންވެންޝަން މެލޭޝިޔާގައި ބާއްވާއިރު 900 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވާނެއެވެ. 2020 ވަނަ އަހަރު އިފޮޕްކާގެ ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. މަސީން ބުނީ މިއީ ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ އައިސް، ޓެކްނޮލޮޖީ ޓްރާންސްފަރ ކުރުމަށް ރާއްޖެއަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.