ކުޅިވަރު

މައިލޯ ކަލާސް އެވޯޑުގެ އެންމެ ފަޚުރުވެރި ވަނަ އައިމިނަތު ނަބާހާ އަބްދުއްރައްޒާޤަށް


މައިލޯ ކަލާސް އެވޯޑުގެ އެންމެ ފަޚުރުވެރި ވަނަ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު ހޯދައިފިއެވެ.

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އެކި ކުޅިވަރުތަކުގައި ހޯދަމުންދާ ކަމިޔާބީތައް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ކަލާސް އެވޯޑުގެ ފަޚުރުވެރި ވަނަ ހޯދުމުގެ އިތުރަށް ނަބާހާ ވަނީ އައުޓް ސްޓޭޑިންގ އެޗީވްމަންޓް ހޯދާފައެވެ.

އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދި އެހެން ދަރިވަރުންނަކީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމްއާއި، ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤުގެ އިތުރުން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ.

މީގެތެރެއިން މުބާލް މިވަގުތުވެސް ހުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމަށް ތައިލެންޑްގައެވެ. ނަބާހާއާއި، ނަބީހާވެސް މިވަގުތު ދަނީ ޗައިނާގައޮ އޮތް ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން މެޑަލް ހޯދި ދަރިވަރުންގެ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގައިވެސް ދަރިވަރުންނަށް ފުރުޞަތުތައް ދެމުން އަންކަމަށެވެ. ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ސްކޫލް ދަރުވަރުން ވާދަކޮށް، ކާމިޔާބީ ހޯދަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސްޕޯރޓްސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ނިސްބަތްވެސް އިތުރުވަމުން އަންނަކަމަށެވެ.

މިއަހަރު މައިލޯ ކަލާސް އެވޯޑު ހަފްލާގައި އެކި ކުޅިވަރުތަކުން ރަންވަނަ ހޯދި ސަތޭކަ އަށްޑިހަ ދަރިވަރަކަށްވަނީ އެވޯޑް ދީފައެވެ. މީގެއިތުރުން 8 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕްވެސް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލްތަކުގައި ހިމެނި ކާމިޔާބީ ހޯދި ދަރުވަރުން ހިމެނެއެވެ.