ވިޔަފާރި

ހުޅުމާލޭގައި މީރާގެ އޮފީހެއް ހުޅުވައިފި


ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި މި އޮފީސް ހުޅުއްވައިދެއްވީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. މި އޮފީސް ހުންނަނީ ހުޅުމާލޭ ހޮސްޕިޓަލު ކުރިމަތިން، އެޗްޑީސީ ގެ މައި އިދާރާއާ އިންވެގެން ހުންނަ ކޮމާޝަލް ބްލޮކްގެ ދެވަނަ ފަންގިފިލާގައެވެ.

މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އޮފް ރެވިނިއު ސަރވިސް އަޙްމަދު ޝަރީފު ވިދާޅުވީ، މީރާއިން އަބަދުވެސް މަސައްކަތް ކުރަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ގޮތްތަކަށް ޚިދުމަތް ފޯރުކޮށްދެއްވުމަށްކަމަށެވެ. މިގޮތުން މީރާގެ މާލޭ އޮފީހުން ލިބޭ ހުރިހާ ޚިދުމަތެއް ހުޅުމާލާގައި ހުޅުވި އޮފީހުން ލިބޭނެކަމަށް އަޙުމަދު ޝަރީފު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އަތޮޅުތަކުގައިވެސް އެ އޮތޯރިޓީގެ ބްރާންޗްތައް ހުޅުވަމުންގެންދާކަން ޝަރީފު ފާހަގަކުރެއްވިއެވެ.

"މި އޮފީހަކީ މީރާގެ ހުރިހާ ޚިދުމަތްތަކެއްވެސް ލިބޭގޮތަށް އަޅުގަނޑުމެން ރާވާފަވާ އޮފީހެއް. މިގޮތުން މީރާއަށް ބަލައިގަންނަ ހުރިހާ ފައިސާއެއް، މި އޮފީހުންވެސް ބަލައިގަންނަ ގޮތަށް ފަހިވެފަ މިވަނީ. ޓެކްސްގެ އިތުރުން މީރާއަށް ބަލައިގަންނަ އެހެން ފީތަށްވެސް މި އޮފީހުން ބަލައިގަންނާނެ. ކާރާއި، ސައިކަލްގެ ވެހިކަލް ފީއާއި އޮޑިދޯނިފަހަރުގެ ވެސަލް ފީވެސް މިކޮޅުން ބަލައިގަންނާނެ. ޓެކްސްގެ ހުރިހާ ފައިސާއަކާއި ޓެކްސް ބަޔާން ބަލައިގަތުންވެސް މިކޮޅުން ހަމަޖެހިފައިވާނީ." އަހުމަދު ޝަރީފު ވިދާޅުވިއެވެ.

މީރާއިން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކުންފުނީގެ 12 އޮފީހެއް ހުޅުވާފައެވެ. މީގެއިތުރުން އޮންލައިންކޮށްވެސް ޚިދުމަތް ފޯރުކޮށްދެމުންގެންދެއެވެ.