ޚަބަރު

ގެއްލުނު 2 ކުދިން ހޯދުމަށް ޑައިވިންގް ރޮބޯޓްސް ބޭނުންކުރަން ފަށައިފި


މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރިއުޅެނިކޮށް ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ފުޅާކޮށް ޑައިވިންގް ރޮބޯޓްސްގެ އެހީތެރިކަންވެސް ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ކުދިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި އެމެއެންޑީއެފާއި ފުލުހުން ދަނީ ކުރަމުން. އެމްއެންޑީއެފްއިންބުނީ މި ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ފޯރުކޮށްދެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރާނެކަމަށާއި، އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން މިރޭގެ އޮޕަރޭޝަނުގައި ކުދިން ހޯދުމުގެ މަސައްކަތަށް ޑައިވިންގް ރޮބޯޓްސްގެ އެހީތެރިކަންވެސް ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދުވެސް ކުރިއަށް ވުރެ އިތުރުކޮށްފައިވާކަަމަށާއި، އެމްއެންޑީއެފްގެ ހެލިކެޕްޓަރ ބޭނުންކޮށްގެން އެ ސަރަހައްދުގެ ކަނޑުގެ ސަރފޭސް އޭރިއާވެސް ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ ސީޖީ ޑައިވަރުންގެ އިތުރުން އައްޑޫގެ ބައެއް އާންމު ޑައިވަރުންވެސްދަނީ މިކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަނޑުގެ ވަށައިގެން 370 މީޓަރުގެ ގެ ދުރުމިން ބަލައިފައިވަކަމަށާއި އަދި އެސަރަހައްދުގެ ކަނޑުގެ 40 މީޓަރު އަޑިވެސް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާތަނަށް މި 2 ކުދިން ހޯދުމަށް ކުރެވުނު މަސައްކަތުން މި 2 ކުދިންގެ ތެރެއިން އެއްކުއްޖެއް ލައިގެން ހުރި ސޯޓު ފެނިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވެފައިވަނީ ގެއްލުނު 2 ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ސޯޓް ފެނިފައިވަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށްކަމަށެވެ. އަދި އެއީ ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، 17 އަހަރުގެ އަލީ ފަހުމީގެ ސޯޓުކަމަށްވެސް ސާމީ ވިދާޅުވިއެވެ.

މި ސޯޓަކީ ޢަލީ ފަހުމީގެ ސޯޓުކަމަށް ފުލުހުންނަށް ކަށަވަރުކޮށްދީފައިވަނީ ޢަލީ ފަހުމީގެ އާއިލާގެ މެންބަރަކުކަމަށް ފުލުހުން ބުނެއެވެ. މި ސޯޓު ފެނުނުއިރު ގަލުގައި އަޅައިގަނެ ވީދިފައިވާކަން ފާހަގަކުރެވޭކަމަށްވެސް ފުލުހުން ބުނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު، ހިތަދޫ ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ.ހިތަދޫ، ޗަނބޭލީގޭ އަލީ ފަހުމީ އާއި ހިތަދޫ ޓޮޕާޒް މަޔާމީން ޢަލީއެވެ.