ކުޅިވަރު

އޮތީ ހަނި ފުރުޞަތެއް، ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނަން: ލޯންގޭ


އޭ.ވީ.ސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދަން ރާއްޖެއަށް އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށާއި، އެހެންނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށްވެސް މުޅި ޓީމް އެކަމަށް މަސައްކަތް ކުރާނެކަމަށް ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ޕީ.އެސް.އެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ކޯޗު ސާޖިދު ބުނީ، ސެމީ ފައިނަލުން ކިރިޔާވެސް ޖާގައެއް ލިބެން އަންނަނީ މިއަދު ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެން ކަމަށާއި، އެނޫން ގޮތަކަށް ގްްރޫޕް ސްޓޭޖު ފަހަނައަޅައި ކުރިޔަށް ދެވެން ނެތްކަމަށެވެ. ސާޖިދު ބުނީ އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ އޭނާ އުއްމީދު ކުރިވަރުގެ ކުޅުމެއް ނޫންކަމަށެވެ.

" ސެމީ ފައިނަލުން ކިރިޔާވެސް ޖާގައެއް ލިބެން އަންނަނީ މިއަދު ސީދާ ތިން ސެޓުން ބަނގްލަދޭޝް ބަލިކޮށްގެން. ދެން އަޅުގަނޑުމެންގެ ޓީމުން އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނަން ސެމީން ޖާގައެއް ލިބޭތޯ. ވަރަށް ހަނި ފުރުސަތެއް ދެން އަނެއްހެން ބަލާނަމަ މި އިނީ." ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ، ޓީމު މިހާރު މިއޮތް ހާލަތަށް ބަލާއިރު މިއަދު މެޗަކީ ރާއްޖެއަށް ފައިނަލެއް ކަމަށާއި، މި މެޗުން ސީދާ ތިން ސެޓުން މޮޅުވެގެން ނޫނީ މުބާރާތުގައި ކުރިޔަށްދެވެން ނެތްކަމަށެވެ. ލޯންގޭ ބުނީ އިއްޔެގެ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ޓީމުގެ ހުރިހާ ކުުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ނުދެއްކުން ކަމަށެވެ. ޓީމުގައި ތިބި ޒުވާން އާ ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކެޕްޓަން ލޯންގޭ ބުނީ ކޮންމެވެސް ވަރަކަށް އެކުޅުންތެރިންގެ ފަރާތުން އާކަން ފެނިގެން ދިޔަނަމަވެސް، ފުރަތަމަ މެޗަށް ބަލާއިރު ޒުވާން ކުޅުންތެރިންގެ ކުޅުން ރަނގަޅު ކަމަށެވެ.

"ދެން މިއަދުގެ މެޗަކީ އަޅުގަނޑުމެންނަށް ފައިނަލެއް ކަހަަލަ މެޗެއް. ސީދާ ތިން ސެޓުން ބަނގްލަދޭޝް ބަލިކޮށްގެން ނޫނީ ނެތް ސެމީ އަށް ދެވޭކަށް. އެންމެ ފަހު ވަގުތާ ހަމައަށްވެސް އެންމެން ވަރަށް ހިތްވަރުކުރާނަން މޮޅުވާން. އުއްމީދު ކުރަން މިއަދުގެ މެޗުން މޮޅުވެ ސެމީ އަަށް ދެވޭނެކަމަށް." މިހާރު ރާއްޖޭގެ ވޮލީބޯޅަ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކެޕްޓަން ލޯންގޭ ބުންޏެވެ.

މި މުބާރާތުގައި ބަނގްލަދޭޝް ކުޅުނު މެޗު ނޭޕާލާ ވާދަކޮށް 3 ސެޓު 1 ސެޓުން އެޤައުމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގައި ނޭޕާލް ކުޅުނު ދެވަނަ މެޗުގައި ރާއްޖޭ އާއި ވާދަކޮށް އިއްޔެ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރުމުން ރާއްޖެ ހިމެނޭ ގްރޫޕް އޭ އިން ސެމީއަށް ދިޔުމުގެ ފުރުސަތު ބޮޑު ދެ ޤައުމަކީ ނެޕާލް އަދި ބަނގްލަދޭޝްއެވެ. ދިވެހިރާއްޖެ އާއި ބަނގްލަދޭޝް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރުއެވެ.

މި މެޗުވެސް ޕީ.އެސް.އެމް ސްޕޯޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.