ކުޅިވަރު

އިސްތިއުފާ ދިން ސަބަބު ހާމަކުރާނީ ސީޒަން ނިމުމުން: ވެންގާ


22 އަހަރަށް ފަހު އާސެނަލްގެ ކޯޗުކަން ދޫކޮށްލަން ނިންމި ސަބަބު ހާމަކުރާނީ މި ސީޒަން ނިމުމުން ކަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.

1996 ވަނަ އަހަރުން ފެށިގެން އާސެނަލްއަށް ކޯޗުކޮށްދެމުން އަންނަ ވެންގާ ބުނީ މިވަގުތު ބޭނުންވަނީ އާސެނަލްއަށް ހޯދައިދެވެން އޮތް ހުރިހާ ކާމިޔާބީ އެއް ހޯދައިދޭން ކަމަށެވެ. އޭނާ އިޝާރާތް ކުރީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް އާސެނަލް ހޮވިފައިވާތީވެ އެ މުބާރާތަށެވެ.

"އަހަރުމެން ސީޒަނުގައި ޔަޤީނުންވެސް އަދި ހަތް މެޗު ކުޅެން ޖެހޭ (އިނގިރޭސި ލީގުގައި ކުޅެން ޖެހޭ ފަސް މެޗާއި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެ މެޗު). އަހަރެން އުއްމީދު ކުރަނީ (ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅެން ލިބި ޖުމުލަ) އަށް މެޗު ކުޅެން ޖެހޭނެ ކަމަށް. މިވަގުތު ބޭނުންވަނީ މި މެޗުތަކަށް ސިނކުޑި ހުސްކުރަން،" ވެންގާ ބުންޏެވެ.

ފަހަކަށް އައިސް ކާމިޔާބު ނުލިބޭތީ ސަޕޯޓަރުންގެ ރުޅި އަމާޒުވެފައިވާ ކޯޗު އިސްތިއުފާދޭން ނިންމިއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރުވެސް އެބައޮތެވެ. ވެންގާ ބުނީ އޭނާގެ ނިންމުމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުރި ކަމަށާއި، ކޯޗުކަމުގައި އޭނާ ވަރަށް ގިނަ ދުވަހު ހުރުމުން ކިތަންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އެކަމަކުން އަރައިގަންނާނެގޮތް އެނގޭ ކަމަށެވެ.

"އެކަމަކު އަހަރެން މިވަގުތު އެހާ ގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އަހަރެންނަށް މި ކުލަބަށް މިހާ ގިނަ ދުވަހު ހިދުމަތް ކުރަން ލިބުމުން ވަރަށް އުފާވޭ. އަހަރެން ބޭނުންވަނީ ވަނީ އުފަލާއެކު ނިންމާލަން،" އުމުރުން 68 އަހަރުގެ ވެންގާ ބުންޏެވެ.