ޚަބަރު

ތުރުކީވިލާތައް ކުރިމަތިވާ އެންމެހާ ނުރައްކަލެއްގެ މުގުލުގައި ވަނީ އެމެރިކާ- އުރުދުޣާން


ތުރުކީއަށް ކުރިމަތިވާ ހުރިހާ ނުރައްކާތަކެއް ކުރިމަތިވަނީ އެމެރިކާގެ ފަރާތުންކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ސޫރިޔާގެ އުތުރުގައި ކުރުދީންނަށް ވަކި ދައުލަތެއް އުފައްދައިދިނުމުގެ ރޭވުން އެމެރިކާއިން ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވަމުން އުރުދުޣާން ވިދާޅުވީ، އެއީ ތުރުކީވިލާތަށް ޙައްސާސް މައްސަލައެއް ކަމަށާއި އެކަންކުރުމުގެ ފުރުޞަތު، އެއްވެސް ފަރާތަކަށް ނުދޭނެކަމަށެވެ.

ތުރުކީވިލާތުގެ އެން. ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ އެމެރިކާއަކީ އެކުވެރި ޤައުމެއްކަމުގައިވާނަމަވެސް، އެމެރިކާއިން ތުރުކީވިލާތަށް ނުވިއްކާ މޮޅު ހަތިޔާރު، ސޫރިޔާގައި ވަކިވެގަންނަން މަސައްކަތްކުރާ ކުރުދީ ޖަމާއަތްތަކަށް އެމެރިކާ ހިލޭ ދެމުން ގެންދާކަމަށެވެ. އަދި ތުރުކީގެ ވެރިކަން ބަދަލުކޮށްލުމަށްޓަކައި އަސްކަރީ އިންޤިލާބެއް ގެންނަން މަސައްކަތްކުރި ބާޣީ ލީޑަރު ފަތުހުﷲ ގުލެންއަށް ހިޔާވަހިކަން ދެނީވެސް އެމެރިކާއިންކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އައިއެސް ޖަމާއަތާ ހަނގުރާމަކުރުމަށް ކަމަށްބުނެ އެމެރިކާއިން ވަނީ ސޫރިޔާގެ އިރު އުތުރުގެ ކުރުދީ ސަރަހައްދުތަކުގައި ދެހާސް ސިފައިން ރުކުރުވާލާފައެވެ. މީގެ އިތުރުން އެމެރިކާއިން ގެންދަނީ ސޫރިޔާގެ ކުރުދީ ސަރަހައްދުތަކުގައި ވަކި ވެރިކަމެއް ޤާއިމުކުރަން މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ޒަމާނީ ހަތިޔާރާއި ތަމްރީންވެސް ފޯރުކޮށްދެމުންނެވެ.

މިކަމާ ކުރިމަތިލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު ތުރުކީ ސިފައިން ވަނީ ސޫރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަދެގަނެ އެމެރިކާގެ މަދަދު ލިބޭ ކުރުދީ އެތައް ހާސް ހަނގުރާމަވެރިން މަރާލައި އެ މީހުންގެ އަތްދަށުގައިވާ ބައެއް ރަށްތަކާއި ވިލެޖްތައް ތުރުކީވިލާތުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އެހެންނަމަވެސް އެމެރިކާއިން ކުރުދީ ޖަމާއަތްތަކަށް ޒަމާނީ ބަރު ހަތިޔާރު ދީފައިވުމުގެ ސަބަބުން ކުރުދީ ހަނގުރާމަވެރިންގެ ހަމަލާތަކުގައި ތުރުކީ ސިފައިންގެ ގިނަ ބަޔަކުވަނީ މަރުވެފައެވެ.

ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އެމެރިކާއިން ސޫރިޔާގެ އިރުއުތުރުގައި ދެހާސް ސިފައިންގެ ލަޝްކަރެއް ރުކުރުވާލައި އެސަރަހައްދުގައި ފައިހަރުކޮށްލާފައިވާއިރު އެއީ ސޫރިޔާގައި ތެލާއި ގުދްރަތީ ގޭހުގެ އެންމެ ބޮޑު ރިޒަރވް އޮންނަ ސަރަހައްދެވެ. އެހެންކަމުން އެމެރިކާއިން ސޫރިޔާއަށް ވަދެގެންފައިވަނީ ސޫރިޔާގެ ތެލާއި ގުދްރަތީ ގޭސް ހުރި ސަރަހައްދުތަކަށް އަތްގަދަ ކުރުމުގެ ބޭނުމުގައި ކަމަށް ސޫރިޔާއިން ތުހުމަތުކުރެއެވެ.