ޚަބަރު

ތުރުކީގައި ކުއްލި ޙާލަތުގެ މުއްދަތު އިތުރުކުރުމުން ވިޔަފާރިވެރިން އުފާވާންޖެހޭނެކަމަށް ރައީސް އުރުުދުޣާން ވިދާޅުވެއްޖެ


ތުރުކީވިލާތުގެ ވިޔަފާރިތަކުން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމުން އުފާކުރަން ޖެހޭނެކަމަށާއި މިކަމުގެ ސަބަބުން ތުރުކީވިލާތުގައި ދޭ ޓެރަރިޒަމްގެ ޙަމަލާތައް ހުއްޓުވުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް އެޤައުމުގެ ރައީސް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ވިޔަފާރިވެރިންގެ ފޯރަމެއްގައި ވާހަކަ ދައްވަމުން އުރުދުޣާން ވިދާޅުވީ، ކުއްލި ޙާލަތުގެ ސަބަބުން ހުރަސްތައް ކުރިމަތިވާނީ ޓެރަރިސްޓުންނަށް އެކަނި ކަމަށާއި މިޙާލަތުގެ ތެރޭގައި ޓެރަރިޒަމްގެ ޙާމަލާތައް ހުއްޓުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ކުއްލި ޙާލަތުގެ މުއްދަތުގެ ތެރޭގައި ވިޔަފާރީގެ ދާއިރާތަކުގެ މުވައްޒަފުން ކުރާ ހަޅުތާލުތައް ވެސް ބޮއްސުންލައިގެން ދިއުމުގެ ކުރިން ހުއްޓުވޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ރައީސް ވިދާޅުވީ ކުއްލި ޙާތަލުގެ މުއްދަތާ ބެހޭގޮތުން އެޤައުމުގެ ވިޔަފާރިވެރިން ޝަކުވާ ކުރުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމުގައިވާނަމަވެސް، ކުއްލި ޙާލަތުގެ މުއްދަތު އިތުރުކުރުމަކީ ސުލްޙަ ކަށަވަރުވާނެ ކަމެއްނަމަ އެކަން ކުރައްމުން ގެންދަވާނެ ކަމަށެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރު އެޤައުމުގައި ތަންފީޒުކުރަން ފަށާފައިވާ ކުއްލި ޙާލަތު އިތުރު 3 މަސްދުވަހަށް ކުރިއަށް ގެންދިއުމަށް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.