ޚަބަރު

މެދުއިރުމަތީގެ ސުލްޙައަށް ސިޔާސީ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މެކްރޯން ވިދާޅުވެއްޖެ


މެދު އިރުމަތީގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް މަގުފަހިކުރުމަށްޓަކައި ސިޔާސީ ގޮތުން އިތުރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ. މެކްރޯން މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސާ ފޯނުން ގުޅުއްވާ ވާހަކަދައްކަވަމުންނެވެ.

މި ފޯނުކޯލުގައި ވާހަކަ ދައްވަމުން، ހުއްޓިފައިވާ މެދުއިރުމަތީގެ ވާހަކަތައް އަލުން ފެށުމަށް ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، މިކަމަށް ފަރަންސޭސިވިލާތުން ތައްޔާރަށް އޮތް ކަމަށް، ފަރަންސޭސިވިލާތުގެ ރައީސް ވިދާޅުވިއެވެ.

މެކްރޯން ވަނީ މި މައްސަލައަށް ޙައްލު ހޯދުމުގައި ސުލްޙައިގެ މަޝްވަރާތަކުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް ވަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގޮތުން މެކްރޯން ވިދާޅުވީ ޣައްޒާ އެކަހެރިކޮށްލުމުގެ ގޮތުން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ޖެހޭކަމަށެވެ.