ޚަބަރު

ޑރ. ޚާތިމް ޢަރަބިއްޔާ ސްކޫލްއަށް ވަޑައިގެން ދަރިވަރުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފި


މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑރ. ޚާތިމް ބިން ޙައްސާން އަލް-މަރްޒޫޤީ އިސްލާމިކު ޔުނިވާސިޓީ އާއި އަރަބިއްޔާއަށް ޒިޔާރަތްކުރައްވައިފިއެވެ. ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑރ. ޚާތިމް އިސްލާމިކު ޔުނިވާސިޓީއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޔުނިވާސިޓީގެ މަސައްކަތްތައް ހިގަމުންދާ ގޮތުގެ މައުލޫމާތު ޑރ. ޚާތިމަށް ވަނީ އަރުވާފައެެވެ.
ޑރ. ޚާތިމް ވަނީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ޢަރަބިއްޔާ ސްކޫލްއަށް ވަޑައިގެން އެ ސްކޫލްގެ ދަރިވަރުންނާއި އެކުވެސް ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި އެ ސްކޫލް ބައްލަވައިލައްވާ ސްކޫލްގެ މުވައްޒަފުންނާވެސް ވަނީ ބައްދަލުކުރައްވާފައެެވެ.
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑރ. ޚާތިމް ބިން ޙައްސާން އަލް-މަރްޒޫޤީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޑައިގެން އެ ޔުނިވަރސިޓީގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި ދާރުލްއާސާރަށް ވަޑައިގެން އެ ތަންވެސް ވަނީ ބައްލަވާލައްވާފައެވެ.