ޚަބަރު

"އައްނޫރުލް މުބީން" ޤުރުޢާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާ ބައިވެރިއަކު ހޯދުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒުން ބުނީ މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ މުބާރާތުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުންދާތީކަމަށެވެ.

އޮޑިޝަންގައި ބައިވެރިވުމަށް ނަންނޯޓްކުރުމަށް މިހާރު ހުޅުވާލާފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި އުމުރުން 18އަހަރާއި 30އަހަރާއި ދެމެދުގެ މީހުންނަށް ބައިވެރިވެވޭނެއެވެ. މުބާރާތުގެ ބައިވެރިންގެ ޝަރުތުތަކުގެތެރޭގައި ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އިނގުން ހިމެނެއެެވެ. މުބާރާތުގެ އޮޑިޝަން އޮންނާނީ އަންނަ މަހުގެ އެއްވަނަދުވަހުއެވެ.

"އައްނޫރުލް މުބީން" މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމިން އަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭގޮތުން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާ، ސްރީލަންކާ، ޔޫ.އޭއީ، ތުރުކީ، މިސްރު، ޕާކިސްތާން، މެލޭޝިއާ، ސަޢުދީއަރަބިއްޔާ، ސޫދާން، އަދި ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެގާރައިން ސަތާރައިގެ ނިޔަލަށެވެ. "އައްނޫރުލް މުބީން"މުބާރާތަކީ އިސްލާމިކް މިނިސްޓްރީއާއި، ކީރިތު ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ މުބާރާތެކެވެ.