ޚަބަރު

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދަނީ


މިއަހަރުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުމްތާޒް ވިދާޅުވީ އެސްއެމްއީއަށް ޙާއްސަކޮށްގެން ގިނަ ކަންތައްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ޖޫންމަހުގެ ތެރޭގައި ޗައިނާގައި ބާއްވާ ކުންމިން ފެއަރގައިވެސް ބައިވެރިވަނީ މި ފެއަރގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ފައިދާތަކެއް ކުރާނެ ތީކަމަށެވެ. މީގެއިތުރުން އެސްއެމްއީއަށް ޙާއްސަކޮށްގެން އިތުރު ލޯން ޕްރޮގުރާމްތަކާއި، މާކެޓިންގ އިވެންޓްތަކާއި، ފައިނޭންސިއަލް ފޯރަމްތައްވެސް ބާއްވާނެކަމަށް މުމްތާޒް ވިދާޅުވިއެވެ.

"އިތުރު ލޯނު ޕްރޮގުރާމްތައްވެސް އެބަހުރި. ޕްލަސް އަޅުގަނޑުމެން މިހާރު ބޮޑުކަމަކަށް މިގެންދަނީ ރިސޯސް މެޕިން ސަރވޭއެއް ހަދާފަ އިންނާނީ. އޭގެ ސެކަންޑް ފޭސްއެއްގެ ގޮތުގައި މިހާރު ރަށްރަށުގައި ހުރި ރިއަލް ޑޭޓާ ހޯދުމުގެ މަސައްކަތެއް އެބަ ގެންދެވޭ. އޭގެ އިތުރުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެ." އަޙްމަދު މުމްތާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީން ބޭއްވި އެސްއެމްއީ ފައިނޭންޝިއަލް ފޯރަމްތަކަކީ ވަރަށް ކާމިޔާބު ފޯރަމްތަކެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިއަހަރުގެ ތެރޭގައި މުޅިރާއްޖެ ޝާމިލްވާފަދަ ގޮތަކަށް ޤައުމީ ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ޤައުމީ ލެވެލްގައި މާކެޓިންއާއި އެސްއެމްއީ އިވެންޓްތަކެއް ބާއްވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.