ކުޅިވަރު

ތާރީހުން ހިތްހަމަޖެހުން ހޯދަމުން މެންޗެސްޓާ ޔުނައިޓެޑް ފައިނަލަށް


ފަހަތުން އަރާ 2-1 ން ޓޮޓެންހަމް ބަލިކޮށް، އިނގިރޭސި ކުލަބުތަކުގެ ތެރެއިން އެންމެ ގިނަ ފައިނަލް ކުޅޭ ޓީމުގެ ފަޚުރު ހޯދައި މެންޗެސްޓާ ޔުނައިޓެޑް އެފްއޭކަޕް ފައިނަލަށް ދަތުރުކޮށްފިއެވެ.

ކޯޗު ހޯސޭ މޮރީނިއޯގެ ޓީމާ ދެކޮޅަށް ފައިނަލްގައި ކުޅޭނީ އޭނާގެ ކުރީގެ ޓީމު ޗެލްސީ ނުވަތަ ސައުތެމްޓަންއެވެ. މިއީ ޔުނައިޓެޑް އިނގިރޭސި ކަޕް ފައިނަލްގައި ކުޅޭ 29 ފަހަރެވެ. އެފްއޭކަޕް ފައިނަލަށް 20 ވަނަ ފަހަރަށް އެ ޓީމު ހޮވުނުއިރު ލީގު ކަޕުގެ ފައިނަލްގައި ވަނީ 9 ފަހަރު ކުޅެފައެވެ.
ޓޮޓެންހަމުގެ ޑެލޭ އަލީ ގޯލު ޖަހާފައިވަނިކޮށް، ޔުނައިޓެޑަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ. ޓިމު މޮޅުކޮށްދިނީ އެންޑާ ހެރޭރާއެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރުމެންގެ ކުލަބަކީ ތަށި ހޯދަންޖެހޭ ކުލަބެއް. އެންމެންވެސް ބޭނުންވަނީ އަހަރުމެން ތަށި ހޯދަން. މި ތަށި ވެސް އަހަރުމެން ގެންނާނަން. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެގޮތަށް،" މެޗަށް ފަހު ހެރޭރާ ބުންޏެވެ.

ޓޮޓެންހަމުގެ ޑެލޭ ބުނީ ފައިނަލަށް ނުދެވުނީ ކުޅުންތެރިންނަށް އެވަރަށް މަސައްކަތް ނުކުރެވުމުން ކަމަށެވެ.

"ޔުނައިޓެޑް ކަހަލަ ޓީމަކާ ދެކޮޅަށް 1-0 ން ލީޑް ހޯދާފައި 2-1 ން ބަލިވާން ގޮސްގެންނުވާނެ. އަހަރުމެން އެންމެންވެސް ބޭނުންވަނީ ތަށި ހޯދަން. އަހަރުމެންގެ ކޯޗިން ޓިމުގައި ވެސް ތިބީ ތަށީ ހޯދަން ބޭނުންވާ މީހުން. އެކަމަކު އަހަރުމެންނަށް ދަނޑުމަތީގައި މަސައްކަތް ނުކުރެވިގެން މިރޭގެ މެޗު މި ގެއްލުނީ،" އަލީ ބުންޏެވެ.