ކުޅިވަރު

30 ވަނަ ފަހަރަށް ކޮޕާޑެލްރޭ ބާސެލޯނާ އުފުލާލައިފި


ފަސޭހަ ކަމާއެކު ސެވިއްޔާ 5-0 ން ބަލިކޮށް، ބާސެލޯނާ ސްޕެނިޝް ކަޕް 30 ވަނަ ފަހަރަށް އުފުލާލައިފިއެވެ.

ލުއިސް ސުއަރޭޒްގެ ދެ ގޯލާއި ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަދި ލަޔޮނަލް މެސީ އާއި ފިލިޕް ކުޓީނިއޯ ޖެހި ގޯލުތަކާއެކު ބާސެލޯނާ ތަށި ކާމިޔާބުކުރުން ވެގެންދިޔައީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެ ޓީމު ތަށި ހޯދުމަށެވެ. މި ރެކޯޑް މީގެ ކުރިން އޮތީ ރެއާލް މެޑްރިޑާއި އެތްލެޓިކް ބިލްބާއޯގެ އަތުގައެވެ.
މި މެޗުގައި މެސީ ޖެހި ގޯލަކީ މި ސީޒަނުގައި އޭނާގެ 40 ވަނަ ގޯލެވެ. އަދި މިއީ މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ހަތަރު ފަހަރު ކުޅުންތެރިއަކު ސްކޯކުރި ދެ ވަނަ ފަހަރެވެ.
މި މެޗަކީ ބާސެލޯނާގެ ކެޕްޓަން އިނިއެސްޓާގެ އެކުލަބުގެ ޖާޒީގައި ފެނިގެންދާނެ އެންމެ ފަހު ފައިނަލެވެ. މެޗު ނިމެން ދެ މިނިޓަށް ވުމުން އޭނާ ބަދަލު ކުރުމުން ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އިނިއެސްޓާ އަށް ވަރަށް ހޫނު ތަރޫހީބެއްދީ ޝުކުރު އަދާކޮށްފައެވެ. މި ސީޒަނަށް ފަހު 34 އަހަރުގެ މިޑްފީލްޑަރު ބަދަލުވާނީ ޗައިނާ ލީގަށެވެ