ކުޅިވަރު

ބ.ގޮއިދޫން ކުޅިވަރުގެ އިސްވެރިން ހައިރާންކޮށްލައިފި


ކުޅިވަރުގައި ނަމޫނާ ދައްކާ، ކުރިއެރުމާއި ކާމިޔާބީ ހޯދަމުން އަންނަ ބ.ގޮއިދޫން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ހައިރާންކޮށްލައިފިއެވެ.

ގޮއިދޫގެ ރައްޔިތުން ރާއްޖޭގެ އެސޯސިއޭޝަންތަކުގެ އިސްވެރިން ހައިރާންކޮށްލީ، އެސޯސިއޭޝަންތަކުގެ ބެލެނިވެރިފަރާތްކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަރަހީ ޢާއްމު ޖަލްސާ ގޮއިދޫގައި ބޭއްވުމަށް އެރަށަށް ދިއުމުންނެވެ. މިއީ އޮލިމްޕިކް ކޮމިޓީގެ އެނުއަލް ކޮންގްރެސް މާލެއިން ބޭރުގައި، ރަށެއްގައި ބޭއްވި ފުރަތަމަ ފަހަރެވެ. ނުވަދިހައަށްވުރެ ގިނަ މީހުންނާއެކު ގޮއިދޫގައި ބޭއްވި ކޮންގްރެސްއާއި، ކޮންގްރެސްގެ ބޭރުން ކުރިއަށް ގެންދިޔަ ތަފާތު ހަރަކާތްތަކުން އެސޯސިއޭޝަންތަކުގެ ވެރިންނަށް ހައިރާންކަން ލިބުނީ އެރަށުގައި ކުޅިވަރަށް އޮތް ފޯރިއާއި، ކުޅިވަރުގެ ތެރެއިން އުފެދިފައިވާ އިޖުތިމާއީ ވަރުގަދަ ގުޅުމާއި، ކުޅިވަރުން ކާމިޔާބީ ހޯދުމަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ފެނިގެންނެވެ. އެސޯސިއޭޝަންތަކުގެ ވެރިން ގޮއިދޫ ފާހަގަކުރީ ކުޅިވަރުގައި ނަމޫނާއެއްގެ ގޮތުގައެވެ.

ގޮއިދޫގައި ބޭއްވި ކޮންގްރެސްގައިވެސް އަދި އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވީ މަޤްޞަދު ކިތަންމެ ރަނގަޅަކަށްވެސް ހާޞިލްވެއްޖެކަމަށާއި، ކޮންގްރެސް ބާއްވަން މިއީ އެންމެ ރަނގަޅު ތަންކަންވެސް ހާމަވެގެން ހިނގައްޖެކަމަށެވެ. އެސޯސިއޭޝަންތަކުގެ ވެރިންވެސް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދުވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ކޮށްފައިވާ މަސައްކަތްތަކެވެ. އެމަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ގޮއިދޫގެ ރައްޔިތުން ވަނީ ހުށައަޅައިދީފައެވެ.

" މަޤްޞަދު މާބޮޑަށްވެސް ހާޞިލްވެއްޖެ. ސާބިތުވެއްޖެ މިއީ އެންމެ ރަނގަޅު ރަށްކަން ކޮންގްރެސް ބާއްވަން. " ޝަވީދު ވިދާޅުވިއެވެ.

އެންމެންގެ މެދުގައި ރަނގަޅު ގުޅުމެއް އުފެއްދި ސީދާ ކުޅިވަރަށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔަކަންވެސް ޝަވީދު ފާހަގަކުރެއްވިއެވެ.
އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސް ޝަރަފްވެރިކޮށްދެއްވާ، ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ކުރީގެ ޔޫތް މިނިސްޓަރ ޑރ.މުޙައްމަދު ޒާހިރު ހުސައިންވެސް ބާރު އެޅުއްވީ ލިބިފައި ހުރި ވަޞީލަތްތަކާއެކު ކުޅިވަރުގައި ކުރިއަށްގޮސް ކާމިޔާބީ ހޯދަން މަސައްކަތްކުރުމަށެވެ. ކޮންމެ ކަމަކަށްވެސް ޚަރަދުތަކެއް ކުރަން ޖެހޭކަމަށާއި، ނަމަވެސް ކުރެވެން ހުރި ކަންކަން ކުރަން ޖެހޭކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

" ކުޑަޤައުމަކަށްވިޔަސް އަޅުގަނޑުމެންނަށްވެސް ވާދަކުރެވޭނެ. މެޑަލްވެސް ހޯދޭނެ. އެކަމަކު އެކަމަށް ފަހި ބިންގާތަކެއް އަޅައިގެން. މިސާލަކަށް ނަގަމާތޯ ފެތުން. އަޅުގަނޑުމެންނަކީ ކަނޑުގެ އަހުލުވެރީންނަށް ވީތީ ހަށިގަނޑުގެ ސަލާމަތަށްޓަކައި މިއީ ވަރަށް މުޙިއްމުކަމެއް. މި ކުޅިވަރު ކުޅިވަރެއްގެ ގޮތުގައި ނަގައިގެން ސްކޫލްތަކުގެ އާބާދީގެ ވަރަށް މަދު މިންވަރެއް މިކަން ކުރަނީ " ކުރީގެ ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

މާލެއިން ބޭރުގައި ބޭއްވި ކޮންގްރެސްގައި އޮލިމްޕިކް ކޮމިޓީން ވަނީ 46.1 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަށް ފާސްކޮށްފައެވެ. މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 48.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރަށް ފާސްކޮށްފައިވަނީ އަރަނި ބަޖެޓެކެވެ. ބަޖެޓްގައި މިއަހަރުގެ އޭޝިޔަން ގޭމްސްއަށް ވަނީ ބޮޑު އަދަދެއް ކަނޑައަޅާފައެވެ.

ގޮއިދޫގައި ބޭއްވި ކޮންގްރެސްގައި އޮލިމްޕިކް ކޮމިޓީން ވަނީ 2020 ވަނަ އަހަރުގައި ޖަޕާންގައި އޮންނަ އޮލިމްޕިކްސްއަށް ތަމްރީނު ހޯދުމަށް 3 އެތްލީޓަކަށް ސްކޮލަރޝިޕް ދީފައެވެ. މީގެއިތުރުން ކޯސްތަކުގައި ކިޔަވައިދިނުމުގެ ހުއްދަ ތިން ފަރާތަކަށް ދިނެވެ. ސްކޮލަރޝިޕް ދިން ތިން އެތްލީޓުންނަކީ ދުވުންތެރިޔާ މުޙައްމަދި ނާއިލްއާއި، ދެ ފެތުންތެރިންކަމަށްވާ އައިޝަތު ޝާޖިނާއާއި، މުބާލް އައްޒާމްއެވެ.
އިދާރީ މީހުން އުފެއްދުމަށް އެޑްވާންސް ކޯސްތަކުގައި ކިޔަވައިދުނުމުގެ ހުއްދަ ދިނީ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ޖައުޝަން ޝަރީފާއި، ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން މުޙައްމަދާއި، ވިކްޓްރީގައި އިސްކޮށް މަސައްކަތްކުރި ފާއިޒް އަލީއަށެވެ.

ކޮންގްރެސްގެ ތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ގޮއިދޫ ސްކޫލަށް ކުޅުވަރު ކުޅޭ ސާމާނު ހަދިޔާކޮށްފައެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި، އޮލިމްޕިކް ކޮމިޓީގެ ބޭފުޅުން ވަނީ ގޮއިދޫގައި ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. ކޮންގްރެސްގައި ބައިވެރިވި އެސޯސިއޭޝަންތަކުގެ ހުރިހާ ފަރާތަތްތަކަކުންވެސް ވަނީ އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވެފައެވެ.