ޚަބަރު

ވަޒީފާއެއްނެތި، މުޖުތަމައުތެރޭގައި ގިނަވެފައި ތިބޭ ޒުވާނުންނަށް ސިފައިންގެއިން ވަޒީފާ ހަމަޖައްސަނީ


ޒުވާނުންގެ ތެރެއިން ވަޒީފާއެއްނެތި މުޖުތަމަޢު ތެރެއަށް ގިނަވެފައި ތިބޭ ޒުވާނުންނަށް ސިފައިންގެތެރެއިން ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްވެއެވެ.

ސިފައިންގެ 126 ވަނަ އަހަރީދުވަހާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދިޔަ ޚާއްޞަ ލައިވް ކަވަރޭޖުގައި ވާހަކަދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ތެރޭގައި ވަޒީފާއެއް ނެތި، އަދި ކުރިއަށްދާނެ މިސްރާބެއްނެތް ޒުވާނުންނަށް ސިފައިންގެ ވަޒީފާ ހަމަޖައްސައިދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށެވެ. އަދި މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ދިރާސާތަކެއްވެސް ކޮށްފައިވާކަމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

"
"ކޮންމެސް މުއްދަތަކަށް ދިވެހި ސިފައިންގެ ތެރޭގަ އެމީހުން އުޅެލާފަ ދިޔައީމަ އެމީހުންގެ ކިބައިގަ އަޚްލާޤީ ވަކި މިންގަނޑުތަކެއް، އުސޫލުތަކެއް އަށަގަނެގެންދާކަމަށް ވެއްޖިއްޔާ އެމީހުން ދެން ބޭކާރު ގޮތުގައެއް ނުދާނެ. އެހެންވީމަ މިކަމާދޭތެރޭގައި ސަރުކާރުންވެސް އެބަ ވިސްނަވާ ވަޑައިގަންނަވާ."
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ޒުވާނުންނަކީ ވަރަށްބޮޑަށް ބަލަހައްޓައި ރައްކާތެރިކުރަންޖެހޭ ބައެއް ކަމަށެވެ. އެގޮތުން ރަނގަޅު ޒުވާންޖީލަކާއެކު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރެވުމަކީ ޤައުމެއްގެ ދިފާއީ ނިޒާމާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ އެންމެ ބޮޑު ޚިދުމަތްކަމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.