ޚަބަރު

ތިމަރަފުށީގެ ބޮޑު ބަޔަކަށް އުދަ އަރައިފި


ތިމަރަފުށީގެ ބޮޑު ބަޔަކަށް އުދަ އަރައި އެކިވަރުގެ ގެއްލުންތައް ވެއްޖެ. ތިމަރަފުށީ ކައުންސިލުން ބުނެފައިވަނީ މިއަދު މެންދުރުން ފެށިގެން އެރަށައަށް އުދައަރަމުންދާކަމަށް. އަދި މިރޭ އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށް ރަށު ކައުންސިލުންބުނޭ. އެގޮތުން ގެތަށްހުރި ސަރަޙައްދައް އުދަ އަރައި ރަށުގެ ފަންސާހައްވުރެ ގިނަ ގެއަށް އުދައިގެ އަސަރު ކޮށްފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދޭ.
ތިމަރަފުށީގެ ބޮޑު ބަޔަކަށް އުދައިގެ އަސަރުކޮށްފައިވާއިރު ގެތަކަށް ލޮނު ވަނުން ކުޑަކުރުމަށް މެންދުރުންފެށިގެ ކަމާގުޅުންހުރި ފަރާތްތަކާއިއެކު މަސައްކަތް ކުރަމުންދާކަމަށް ކައުންސިލްގެ ނައިބު ރަޢީސް އަޙްމަދު އިބްރާޙީމް ވިދާޅުވި. އެގޮތުން ފުލުހުންނާއި، ސިފައިންނާއި، ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ގޭގެއަށް ލޮނު ނުވަންނަގޮތަށް ހެދުމަށް ވެލިބަސްތާ ޖެއްސުމާއި، މަގުތަކާއި، ގޮނޑުދޮށުގައިވެސް ބޮޑަށް ރާޅު އަރަމުންދާ ސަރަޙައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަރުންސިލުން ބުނޭ.
ތިމަރަ ފުށީ ކައުންސިލުން ބުނީ ރައްޔިތުންގެ މުދަލަށް ގެއްލުންނުވާނެހެން ކުރިއާލާ ފިޔަވަޅުތައް އަޅަމުންދާކަމަށް. އަދި އުދައިގެ ސަބަބުން އެރަށަށް ލިބެމުންދާ ގެއްލުންތަކުގެ މަޢުލޫމާތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓާއި ގާތުން ޙިއްސާކުރަމުންދާކަމަށްވެސް ތިމަރަފުށި ކައުންސިލުން ބުނޭ.