ޚަބަރު

ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒު ބާއްވައިފި


ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒް ބާއްވައިފިއެވެ. މި މަޢުރަޒް ބާއްވާފައިވަނީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ އުފަން ރަށް ހއ. މޮޅަދޫގައެވެ.

މޮޅަދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ފޮޓޯ މަޢުރަޒް ޝަރަފްވެރިކޮށްދެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތާފުޅު ފައިޒާ އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ވަނީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ކެރުމާއި ހިތްވަރުގަދަކަމާއި ސާބިތުކަން ފާހަގަކޮށް އޭނާގެ އާއިލާއަށް ކާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މިމަޢުރަޒްގައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ފޮޓޯތަކާއި ސިފައިންގެ ޢިޖުތިމާޢީ ޙަރަކާތްތަކާއި ސިފައިންގެ ތަމްރީނާއި ޢުމްރާނީ ތަރައްޤީގައި ސިފައިން ކޮށްފައިވާ އެކި މަސައްކަތްތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ވަނީ ދައްކާލާފައެވެ.

މި މަޢުރަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ނޮދަންއޭރިއާގެ އޮފިސަރުންނާއި މޮޅަދޫ ކައުންސިލްގެ މެމްބަރުންނާއި މޮޅަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ސްކޫލް ކުދިންނާއި ރައްޔިތުން ބައިވެރިވެފައިވެއެވެ.