ޚަބަރު

ގަލްފު ހަނގުރާމައިގެ ސަބަބުން އިރާޤުން ކުވެއިތަށް ދައްކަންޖެހޭ ފައިސާ އަލުން ދައްކަން ފަށައިފި


1990 ވަނަ އަހަރުން 1991 ވަނަ އަހަރަށް އިރާޤުން ކުވައިތަށް އަރައި ކުރި ގަލްފު ހަނގުރާމައިގައި ކުވައިތުގެ ތެޔޮވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިރާޤުން ކުވައިތަށް ދައްކަންޖެހޭ ފައިސާ އަލުން ދައްކަން ފަށައިފިކަމަށް އދން ބުނެފިއެވެ.

އިރާޤުން ކުވައިތަށް ދިން ގެއްލުމުގެ ބަދަލު ދެއްކުން ވަގުތީ ގޮތުން މެދު ކަނޑަލާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ނުރައްކާތެރި އައި.އެސް. ޖަމާޢަތާ ދެކޮޅަށް އިރާޤުން ކުރަމުންދިޔަ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި މާލީ އަދި ސަލާމަތީ މައްސަލަތަކުގެ ސަބަބުންނެވެ. މިކަމާ ބެހޭގޮތުން އދން ނެރުނު ބަޔާނުގައި ބުނެފައިވަނީ އދގެ މިކަމާ ބެހޭ އިދާރާ މެދުވެރިކޮށް އިރާޤުން ކުވައިތަށް ހުކުރު ދުވަހު 90 މިލިޔަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި މިއާއެކު ޖުމްލަ ސާޅީސް ހަތެއް ޕޮއިންޓް ނުވައެއް ބިލިއަން އެމެރިކާ ޑޮލަރު، އދގެ އިދާރާ މެދުވެރިކޮށް އިރާޤުން ކުވައިތަށް މިހާތަނަށް ދައްކާފައިވާ ކަމަށާއި، ބާކީ ދައްކަން ޖެހޭނީ ހަތަރެއް ޕޮއިންޓް ފަހެއް ބިލިއަން ޑޮލަރު ކަމަށް ވެސް، އދގެ ބަޔާނުގައި ބުނެފައިވެއެވެ.

އިރާޤުގެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި އަވަށްޓެރި ކުވައިތަށް އަރާ ހަތް މަސް ދުވަސް ވަންދެން އެ ޤައުމު ހިސާރުކޮށްގެން އުޅުނު އުޅުމުގައި އެ ޤައުމުގެ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ލިބުނު ގެއްލުމުގެ ބަދަލު އިރާޤުން މުޅިން ދައްކާ ނިމޭނީ 2021 ވަނަ އަހަރު ކަމަށް، އދން މިދިޔަ އަހަރުގެ ނޮވެމްބަރު ބުންޏެވެ.

2014 ވަނަ އަހަރު އިރާޤުގެ އެކި ސަރަހައްދުތައް ހިޞާރުކޮށްގެން އުޅެމުން ދިޔަ އައި.އެސް. ޖަމާޢަތުގެ މައްޗަށް އިރާޤުގެ އަސްކަރިއްޔާއަށް ނަޞްރު ލިބިފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.