ޚަބަރު

ރައުލް މަޤާމު ދޫކުރައްވައި ކިއުބާގެ ރިޔާސަތަށް މިގޭލް ޑިއޭޒް ކަނެލް


ކިއުބާގެ ރައީސް ރައޫލް ކާސްޓްރޯ އެ ޤައުމުގެ ރިޔާސަތު ދޫކޮށްލައްވައި އައު ބޭފުޅަކާ ވެރިކަން ހަވާލުކުރައްވައިފިއެވެ. ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ކިޔުބާގައި ވެރިކަން ކުރި ކާސްޓްރޯ އާއިލާއިން ވެރިކަމާ ދުރުވުމަށް ނިންމި ނިންމުމަކީ ތާރީޚީ ނިންމުމެއްކަމަށް އެ ޤައުމުގެ ޤާނޫނޫ ހަދާ މަޖިލީހުން ބުނެއެވެ.

ރައޫލް ކާސްޓްރޯ، ކިޔުބާގެ އައު ރައީސަކަށް އިޚްތިޔާރުކުރެއްވީ އެމަނިކުފާނު ވަރަށް އިތުބާރުކުރައްވާ ބޭފުޅެއްކަމަށްވާ މިގޭލް ޑިއޭޒް ކަނެލެވެ.

ކަނެލް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ކިޔުބާގެ ޤާނޫނު ހަދާ މަޖިލިސް ކަމަށްވާ ނެޝަނަލް އެސެމްބްލީގައެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ކިޔުބާގެ އައު ރައީސް މިގޭލް ޑިއޭޒް ކަނެލް ވިދާޅުވީ، ކިޔުބާގައި ދެންވެސް އޮންނާނީ ސޯޝަލިސްޓް ވެރިކަމުގެ ނިޒާމު ކަމަށާއި، އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގައި އޮންނަ ކެޕިޓަލިސްޓް ނިޒާމު ކިޔުބާގައި ތަޢާރަފުނުކުރައްވާނެކަމަށެވެ.

އަދި ކިޔުބާގެ ޚާރިޖީ ސިޔާސަތު އޮންނާނީ ކުރިން އޮތް ގޮތަށް ކަމަށާއި އެ ސިޔާސަތަށް ބަދަލެއް ގެނެވޭނީ ރައްޔިތުން އެދިއްޖެ ހިނދެއްގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.