ޚަބަރު

ދީނީ މިނިވަންކަމަށް ގޮވާލާ ގޮވާލުން ރާއްޖެއިން ބަލައެއް ނުގަންނާނެ - ޝިޢާން


އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަށް ގޮވާލާ ގޮވާލުމަކަށް ދިވެހި ސަރުކާރުން އެއްވެސް އިޖަބާއެއް ނުދޭނެކަމަށް ދިވެހިރާއްޖެއިން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން އީޔޫއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު އަހުމަދު ޝިޢާން މިހެން ވިދާޅުވީ، ރާއްޖޭގައި ދީނީ މިނިވަންދިނުމަށް ގޮވާލާ އީޔޫއިން އިއްޔެ ނެރުނު ރިޕޯޓަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.ޝިއާން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫއިން ރިޕޯޓް ނެރުމާއެކު، ވަގުތުން އެކަމަށް ދިވެހި ސަރުކާރުން ރައްދު ދެއްވިކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޤާނޫނުއަސާސީގައި ދިވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެންކަމަށް ބުނާ މާއްދާއާއި، އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމެއްކަމަށް ބުނާ މާއްދާއަށް އެއްވެސް ބަދަލެއް ނުގެންނާނެކަން އީޔޫއަށް އަންގާފައިވާކަމަށް ޝިއާން ވިދާޅުވިއެވެ.

ޝިއާންގެ ވިދާޅުވީ އިސްލާމްދީނާއި ސަޤާފަތް ހިމާޔަތްކޮށް ދިރުވާ އާލާކުރުމަކީ ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަން ދެއްވާ ކަންތައްކަމަށެވެ. އެހެންކަމުން ދީނާ ދެކޮޅު އެއްވެސް ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ބަލައިނުގަންނާނެކަމަށްވެސް ޝިއާން ވިދާޅުވިއެވެ.

ޝިއާންގެ ވާހަކަފުޅުގައި އީޔޫ ރިޕޯޓްގައި އިންތިޚާބުތަކާ ގުޅޭގޮތުން އިސްލާހުކުރަން ބުނެފައިވާ ގިނަ ކަންކަން އިސްލާހުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އީޔޫ ރިޕޯޓްގައި އެކަމާ ގުޅޭގޮތުންވެސް ހަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ހިމަނާފައިވާކަން ޝިޢާން ފާހަގަކުރެއްވިއެވެ.

ޝިއާން ވިދާޅުވީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަމާޢަތްތަކުން އެމީހުން ހިތްހަމަނުޖެހޭ ކަންކަމާ ގުޅޭގޮތުން ރިޕޯޓްތައް ނެރޭނެކަމަށެވެ. ނަމަވެސް އެކަންކަމާ ގުޅޭގޮތުން ދިވެހިން ޤަބޫލުކުރާ ގޮތް ހާމަކުރުމަށް ދިވެހި ސަރުކާރުން ކުޑަކޮށްވެސް ފަސްނުޖެހި، ދޭންޖެހޭ ރައްދެއް ދެއްވާނޭކަމަށް ޝިޢާން ވިދާޅުވިއެވެ.
އިސްލާމްދީން ޤަބޫލުނުކުރާ ފަރާތްތަކަށްވެސް ދިވެހިރައްޔިތަކަށް ވެވޭގޮތަށް ރާއްޖޭގެ ޤާނޫނު ބަދަލުކުރުމަށް އީޔޫއިން އިއްޔެ ނެރުނު ރިޕޯޓްގައި ގޮވާލާފައިވެއެވެ. އަދި މުސްލިމުން ނޫން ފަރާތްތަކަށްވެސް ރާއްޖޭގައި އޮންނަ އިންތިޚާބުތަކުގައި ވާދަކުރެވޭ ގޮތް ހެދުމަށް އީޔޫއިން ވަނީ ގޮވާލާފައެވެ. ދިވެހި ސަރުކާރާއި ސިޔާސީ ފަރާތްތަކުން އީޔޫގެ ރިޕޯޓަށް ފާޑުކިޔަމުންދާއިރު، އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫއިން ނެރުނު ރިޕޯޓަށް މަރުޚަބާ ކިޔާފައެވެ.