ޚަބަރު

މި އަހަރުގެ އިޙްޔާ ފޯރަމުތައް ކުރިޔަށް ދާނީ ހާއްސަ ޕްރެޒެންޓޭޝަންތަކާއި އެކު


މި އަހަރުގެ އިޙްޔާ ފޯރަމުތައް ކުރިޔަށް ގެންދާނީ ދީނީ މައުލޫތަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ހާއްސަ ޕްރެޒެންޓޭޝަންތައް ހިމަނައިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ރަމަޞާންމަހު އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މި އަހަރުވެސް އިޙްޔާ ފޯރަމުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން އެކި މަޢުޟޫތަކަށް ދީީނީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެން އަހަރުތަކާއި ތަފާތުކޮށް މި އަހަރު އިޙްޔާ ފޯރަމުތައް ކުރިޔަށް ގެންދާނީ ދީނީ މަޢުޟޫތަކަށް ވާހަކަ ދެއްކެމުގެ ބަދަލުގައި ޕްރެޒެންޓޭޝަންތައް ހިމަނައިގެން ވީހާވެސް ޝައުގުވެރިވާގޮތަށްކަމަށް އިސްލާމިކު މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ އިޙްޔާ ފޯރަމުތަކުގެ އިތުރުންވެސް ރަމަޟާންމަހު އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް އެމިނިސްޓްރީން ރާވާފައިވާކަމަށެވެ. މިގޮތުން ކުންފުނިތަކުގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތާއި އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޕީއެސްއެމްއާއި ގުޅިގެން ރަމަޟާންމަހަށް ހާއްސަކޮށް ޓީވީ ރޭޑިއޯ ޕްރޮގްރާމުތަކެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އިސްލާމިކު މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

" މިއަހަރުވެސް ކުންފުނިތަކަށް ބާއްވާ ޤުރުއާން މުބާރާތް އޮންނާނެ. ވަރަށް އަވަހަށް ކުންފުނިތަކުގެ އިސްވެރިންނާބައްދަލުކޮށް މުބާރާތް ކުރިއަށްދާނެގޮތުގެ މަޢުލޫމާތު ހިއްސާކުރާނެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ރޭތައް އިޙްޔާކުރުމުގެ ފޯރަމްތައް ކުރިއަށްގެންދާނެ. އަތޮޅުތަކުގައިވެސް ކުރިއަށްގެންދަންޖެހޭ ހަރަކާތްތައް ކުރިއަށްގެންދާނެ. މިހާރުވެސް މިދަނީ ޓީވީ ރެޑިއޯ މެދުވެރިކޮށް ގެންނަންޖެހޭ ޕްރޮގްރާމްތައް ހެދުމުގެ މަސައްކަތްކުރަމުން" ޑރ. ޒިޔާދު ވިދާޅުވިއެވެ

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވަމުން އަންނަ އިޙްޔާ ފޯރަމްތައް މިއަހަރުވެސް އޮންނާނީ ކޮންމެ ހޯމަ ވިލޭރެއަކާއި، ހުކުރު ވިލޭރެއަކު އިސްލާމީ މަރުކަޒުގައެވެ.