ޚަބަރު

ބީއެމްއެލް އޭދަފުށީ ބްރާންޗް ޒަމާނީކޮށް 24 ގަޑިއިރު ޙިދުމަތްދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސް އިން ބ.އަތޮޅުގައި ޚިދުމަތް ދެމުންދާ ބްރާންޗް ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް އޭދަފުށީގައި ޤާއިމްކޮށްފިއެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލްއިން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އޭދަފުށިގައި ޤާއިމްކުރެވުނު އާ ބްރާންޗް ހުޅުވުމަށް ބޭއްވި ޙަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި އޭދަފުށީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އޭދަފުށީ ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލްމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އޭދަފުށްޓަކީ ވިޔަފާރި އާއި އިޤްތިސާދި ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު މި އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށެވެ.