ޚަބަރު

"މުރުތައްދުންނަށް ޙިމާޔަތް ދެނީ އީޔޫ ، ރާއްޖެއަކު ޖާގައެއްނެތް"


ދިވެހިންގެ ތެރޭގައި އުޅޭ ލާދީނީ މީހުންނާއި މުރުތައްދުންނަށް ޙިމާޔަތްދެނީ އީޔޫއިންކަމަށާ، އެފަދަ މީހުންނަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމުވެރިން މިގޮތަށް ވިދާޅުވީ ، ޣައިރު މުސްލިމުންނަށްވެސް ދިވެހިރައްޔަކަށް ވުމުގެ ހައްޤުދިނުމަށާއި، ޣައިރު މުސްލިމުންނާއި، މުރުތައްދުވާމީހުންނަށްވެސް ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤު ދިނުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓު ކުށްވެރިކޮށް އެކި ފޯރަމްތަކުގައި ދެއްކެވި ވާހަކަފުޅުތަކުގައެވެ.

އީޔޫގެ ރިޕޯޓަށްފަހު ދިވެހިސަރުކާރާއި ވެރިކަންކުރާ ކޯލިޝަނާއި ދިވެހިރައްޔިތުން މިކަންކުށްވެރިކޮށް ޝުޢޫރުފާޅުކުރަމުންދާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން އަދި މިކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. އިދިކޮޅުފަރާތްތަކުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އީޔޫގެ ބަޔާނާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބުދޭންވެސް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާފައިވާކަމަށް ބައެއް މިޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިނަވަނީ އީޔޫގެ ރިޕޯޓާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލަމުންނެވެ. އެގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަރ ސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އީޔޫގެ ގޮވުމަށް ދިވެހިން އިޖާބަ ނުދޭނެކަމަށާ އަބަދުގެ އަބަދަށް ރާއްޖެ އޮންނާނީ އިސްލާމީ ޤައުމެއްގެ ގޮތުގައިކަމަށެވެ.

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޓްވިޓް

އައްޝައިޚު އިލްޔާސް ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، އީޔޫއިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހޭ ކަމަށެވެ.

އައްޝައިޚު އިލްޔާސް ޙުސައިން ކުރެއްވި ޓްވީޓް

މީގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ އީޔޫއިން ކިތައްމެ މަސައްކަތެއް ކުރިޔަސް ޣައިރު މުސްލިމުންނަށް ރާއްޖޭގެ ރަށްވެހިކަން ނުލިބޭނެކަމަށާ، މުރުތައްދުންނަށް ރާއްޖެއިން ޖާގަ ނުލިބޭނެކަމަށެވެ. އީޔޫއިން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރާއްޖެއިން އިސްލމްދީން ނައްތާލަންކަމަށާ އެކަމަށް ކުޑަވެސް ޖާގައެއްް ދީގެން ނުވާނެކަމަށެވެ. ލާދީނީ އެންމެންނަކީ އަބަދުވެސް އެއްބައެއްކަމަށާ، އެމީހުން މަސައްކަޔްކުރަނީ އެއް އަމާޒަކަށްކަން ފާހަގަކުރައްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ލާދީނީ މީހުންނާއި މުރުތައްދުންނަށް އީޔޫއިން ޙިމާޔަތްދޭކަމަށެވެ. އަދި މުރުތައްދުން ދާނީ އީޔޫއަށް ކަމަށާ، އެމީހުންނަށް ރާއްޖޭގައި ޖާގައެއްނެތްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޢަލީ ޒައިދުގެ ފޭސްބުކް ޕޯސްޓް

ޣައިރު މުސްލިމުންނަށްވެސް ދިވެހިރައްޔަކަށް ވުމުގެ ހައްޤުދިނުމަށާއި، ޣައިރު މުސްލިމުންނާއި، މުރުތައްދުވާމީހުންނަށްވެސް ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤު ދިނުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓު ރާއްޖޭގެ އިދިކޮޅުފަރާތްތަކުން މިހާތަނަށް ކުށްވެރިކޮށްފައިނުވާތީ އިދިކޮޅުފަރާތްތަކަށް ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ.

އީޔޫއާއި ޒަމާނުއްސުރެ ގާތްގުޅުމެއް ބާއްވަމުންދާ އަދި އީޔޫގެ ވާހަކަތައް ހުރި މޭރުމުން އިސްލާމްދީނަށް ފުރައްސާރަ ކުރައްވައި މީގެ ކުރިންވެސް ވާހަކަފުޅުދައްކަވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ އިދިކޮޅު ސިޔާސީ ޙަރަކާތުގެ ފަރާތުން އަދި މިހާތަނަށް އީޔޫގެ ރިޕޯޓު ކުށްވެރިކޮށްފައިނުވެއެވެ.