ދުނިޔެ

ޖޫން މަހު ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވަން ނިންމައިފި


ތުރުކީވިލާތުގައި އަންނަ ޖޫން މަހު ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބެއް ބާއްވާނެކަން އެ ޤައުމުގެ ރައީސް ތައްޔިބު އުރުދުޣާން އިޢުލާންކުރައްވައިފިއެވެ. އަންނަ ޖޫންމަހުގެ 24 ވަނަ ދުވަހު ތުރުކީވިލާތުގައި އަވަސް އިންތިޚާބެއް ބާއްވާނެކަން އިއުލާނުކުރައްވާ އުރުދުޣާން ވިދާޅުވީ، ތުރުކީވިލާތަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި، އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަމަށެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރުމަހަށް ކުރިން ތާވާލްކޮށްފައި އޮތް އިންތިޚާބުތައް ތުރުކީވިލާތުގެ ރައީސް އަވަސްކުރައްވާފައި މިވަނީ، ހުސްވި އަހަރު ތުރުކީވިލާތުގެ ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން ރިޔާސަތުގައި ހުންނަވާ ބޭފުޅަށް ލިބޭ އިތުރު އިމްތިޔާޒުތަކާއި ބާރުތައް އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ ރިޔާސީ އިންތިޚާބުތަކަށް ފަހުގައިކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީވިލާތުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، އުރުދުޣާން ތުރުކީގައި އަވަސް އިންތިޚާބު އިޢުލާނުކުރައްވާފައި މިވަނީ، މިވަގުތު ބާއްވާ އިންތިޚާބެއް ބއެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެކަން ޔަޤީންވާތީކަމަށެވެ. ތުރުކީވިލާތުގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވާނީ، އެ ޤައުމުގައި މިހާރުވެސް ޢަމަލުކުރަމުންދާ ކުއްލި ޙާލަތުގެ ތެރެއިންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގޮތުން، 2016 ވަނަ އަހަރުއްސުރެ އެ ގައުމުގައި ތަންފީޒުކުރަމުންދާ ކުއްލި ހާލަތުގެ މުއްދަތު، އިތުރު ތިން މަސްދުވަހަށް އިތުރުކުރުމަށް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ބުދަ ދުވަހު ވަނީ ފާސްކޮށްފައެވެ.