ކުޅިވަރު

ނިއުރޭޑިއަންޓަށް މޮޅަށް ކުޅެވޭނީ ދަނޑުގެ ހާލަތު ރަނގަޅުވެގެން: ސަންޕަތު


ނިއުރޭޑިއަންޓްގެ އެންމެ މޮޅު ދެއްކުމަށް އޮތް ގޮންޖެހުމަކީ ދަނޑުގެ ހާލަތުކަމަށް އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ރޭ ނިއުރޭޑިއަންޓް ނިކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ. މި މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ ބުނީ ޓީމުގެ ހާލަތާއި، ކުޅުމާއި ފޯމާއި މެދުވެސް ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. ހަމައެކަނި މައްސަލައަކީ ކުޅޭ ދަނޑުގެ ހާލަތުކަމަށެވެ.
އޭނާ ބުނީ ވިކްޓަރީ ބިނާވެފައި އޮތީ އެޓީމްގެ ބިދޭސީ ކުޅުންތެރިންނަށްކަމަށާއި، އެ ކުޅުންތެރިންނަށް ނިއު ސަމާލުވާނެކަމަށެވެ. އަދި މި މެޗަކީ އޭއެފްސީ ކަޕުގައި ކުޅެން އޮތް މުހިންމު މެޗަށް ޓީމް ބައްޓަންކޮށް، ތައްޔާރުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ބުންޏެވެ.

"ނިއުގެ ކުޅުމާއި ހުރިހާކަމެއް ހަމަ ހިތްހަމަޖެހޭ ގޮތަށްދަނީ، ހަމައެކަނި މައްސަލައަކީ ދަނޑުގެ ކަންޑިޝަން. ނިއު ބެންގަލޫރުގައި މޮޅަށް ކުޅުނުކަމަށް އެންމެން އެކިޔަނީ. އެއީ ބެންގަލޫރުގެ ޕިޗް ކަންޑިޝަން ރަނގަޅުވީމަ މޮޅު ކުޅުމެއް ދެއްކުނީ. މާލޭގައި ވާގޮތަކީ ޕިޗް ސަކަރާތްވީމަ އުނދަގޫ ޕްލޭޔަރުންނަށް މޮޅަށް ކުޅެލަން. " ސަންޕަތު ބުންޏެވެ.

ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ އޭނާގެ ހަނދާނަށް އަންނަނީ މީގެ ފަނަރަ އަހަރު ކުރިން މި ދެ ޓީމް ވާދަކުރި މެޗެއްކަމަށާއި، އެ މެޗު ބަލަން އޭނާ އިންއިރު މުޅި ދަނޑުގައި ހިނގާލާނެ ޖާގައެއްވެސް ނެތްކަމަށެވެ. ކިސް ބުނީ މި ދެ ޓީމްގެ ވާދަވެރިކަން އޭރާއި މިހާރުވެސް އެބައޮތްކަމަށާއި، ހަމައެކަނި ތަފާތަކީ ކުޅިބަލަން ނުވަތަ ސަޕޯޓްކުރާ މީހުން ދަނޑުން ނުފެނުންކަމަށެވެ.
މި މެޗަށް ނިކުންނައިރު، ޓީމްގެ ބައެއް މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭކަމަށް ކޯޗު ބުންޏެވެ. ކެޕްޓަން ޝާފީއަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، އެންޖެލް ހުން އައިސް ހުރުމުގެ ސަބަބުން މެޗުގައި ފެނުމުގެ ފުރުސަތު ކުޑައެވެ. ކޯޗު ކިސް ބުނީ ވާދަވެރި މެޗެއް ފެންނާނެކަމަށާއި، އެފްއޭއެމުން ރަނގަޅު ރެފްރީއެއް މެޗަށް ހަމަޖައްސާނެކަމަށް އުއްމީދުކުރާކަމަށެވެ.

އަހަރެން ހަނދާން އެބަހުރި ގަލޮޅު ދަނޑުގައި މީގެ ގާތްގަނޑަކަށް 15 އަހަރުކުރިން އަހަރެން ބެލި މެޗެއް. ދަނޑުގައި އިނދެ. ވިކްޓަރީއާއި ނިއު ކުޅުނު މެޗެއް. މުޅި ދަނޑު ފުރިފައި. މިހާރު މި ވާދަވެރި ދެ ޓީމް ކުޅުނަސް ދަނޑުގައި މެޗު ބަލާނެ ސަޕޯޓަރެއް ނެތް. މިއީ ހިތާމަވެރިކަމެއް" ކުރީގެ ހަނދާންތައް އާކުރަމުން ކިސް ބުންޏެވެ.