ޚަބަރު

މަޑަވެލި ނަރުދަމާގެ މަސަކަތްކުރުމަށް ބަޔަކާ ޙަވާލުކޮށްފި


ގދ.މަޑަވެލީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފިއެވެ.

ލޭބަރ ކޮންޓްރެކްޓް އުސޫލުން އެސް.ޖޭ ކޮންސްޓްރަކްޝަނާއި ގދ.މަޑަވެލީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތުގެ ޕްރޮޖެކްޓް ޙަވާލުކުރީ ބާރަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންނަވަރަމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. އަދި އެސް.ޖޭ ކުންފުނީގެ ފަރާތުން ސޮއިކުރީ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމް.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރާ ހަމަޔަށް ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބެންހުރީ ތިރީސް އެއް ރަށެއްގައި ނަމަވެސް 2013 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އިތުރު އެކާވީސް ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދޭނަފަށާފައިކަމަށެވެ. އަދި މިހާރުވެސް އިތުރު ސާޅީސް ހަތަރު ރަށެއްގެ ނަރުދަމާގެ މަސައްކަތްކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލިދާއިރާގެ މެމްބަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މިއީ މަޑަވެލި ދާއިރާގެ ރައްޔިތުން ވަރަށް ކުރީއްސުރެ ދެކެމުންއައި ހުވަފެނެއްކަމަށެވެ. އަދި މީގެ ސަބަބުން ތަރައްޤީގެ އިތުރު ފުރުޞަތުތައް މަޑަވެއްޔަށް ފަހިވެގެންދާނެކަމަށެވެ.

މަޑަވެލީގެ ނަރުދަމާގެ މަސައްކަތްކުރުމަށް ސާދަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުން ގެންދަވަނީ ރަށްރަށުގައި ރައްކާތެރިގޮތުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.