ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާކަން މިއަދު ޤައުމުގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާ އުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫތަކުން ސާބިތުކޮށްދޭކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޑރ. ލަތީފު މިހެން ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫތައް ދައްކުވައިދޭ ފޮޓޯ އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"ޗައިނާ މޯލްޑިވްސް ޖޮއިންޓް ކޮންސްޓްރަކްޝަން އެޗީވްމަންޓްސް އޮފް ދަ ޓުއެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ސިލްކް ރޯޑް ޕިކްޗަރ އެގްޒިބިޝަނަކީ" ރާއްޖޭގައި ޗައިނާގެ ސިލްކް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިޔަށް ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫތަކުގެ ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯ މައުރަޒެކެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ މައި އިމާރާތުގައި ކުރިޔަށްދާ މިއެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒްހޮންގް އާއި އެމްއެންޔޫގެ ޗާންސެލާރ ޑރ.މުޙައްމަދު ލަތީފުގެ އިތުރުން ޗައިނާ އެމްބަސީއާއި ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި، އެމްއެންޔޫގެ ދަރިވަރުން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްއެންޔޫގެ ޗާންސެލަރ ޑރ.މުޙައްމަދު ލަތީފު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ޤައުމުކަމަށާއި، މިކަމުގެ އެންމެ ބޮޑު ސަބަބަކީ ދެޤައުމުގެ ވެރިންގެ ވިސްނުންފުޅާއި އެއްބައިވަންތަކަންކަމަށެވެ. އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ ދުނިޔޭގެ ހުރިހާ ޤައުމެއް ގުޅުވާލާ، އެއްޤައުމު އަނެއްޤައުމުގެ ކުރިއެރުމާ ލާބައަށް ބާރުއަޅާ ތަރައްޤީ ގެނައުމަށް ކުރިޔަށް ގެންދާ މުހިންމު މަޝްރޫއެއްގެ ގޮތުގައި ޗާންސެލަރ ސިފަކުރެއްވިއެވެ.
"ޗައިނާއިން ރާއްޖޭގެ އުމްރާނީ ތަރައްޤީގައި ކުޅޭ އިސް ރޯލު، ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ސަރުކާރަށްވެސް ވަރަށް ސާފުކޮށް ކަށަވަރުވާނެ. އެއީ އެއްވެސް އެހެން ބައިވެރިއެއް އަދާ ނުކުރުހާ ބޮޑު ރޯލެއް ޗައިނާއިން ދަނީ ރާއްޖޭގެ ތަރައްޤީގައި ހިއްސާކުރަމުން. ރާއްޖޭގެ ކޮންމެ ތަނަކަށް ބަލާލިއަސް އުމްރާނީ ތަރައްޤީގެ ރޮގުން ޗައިނާއިން ރާއްޖެއަށް ވެދެމުންދާ އެއްބާރުލުން ފެންނާނެ. މިއީ ޤައުމުގެ ރައްޔިތުންގެ ތަރައްޤީއާ މަންފާއާ ގުޅިފައިވާ މަޝްރޫތައް ހުސް. މިމަޝްރޫތައް ހަޤީޤަތަކަށްވީ ދެޤައުމުގެ ވެރިންގެ ވިސްނުންފުޅާ، ލީޑަރޝިޕްގެ ސަބަބުން" ޑރ. ލަތީފު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޒަން ލިޒްހޮންވަނީ މީގެ ފަސްއަހަރު ކުރިން ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ އިސްނެންގެވުމުގެ ދަށުން ފެށި ސިލްކް ރޯޑް، ނުވަތަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ހުރިހާ ޤައުމެއް ގުޅުވާލާ، ހުރިހާ ޤައުމަކަށް ފައިދާ ވާނޭހެން ތަރައްޤީކުރާ މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާއިން ރާއްޖޭގައި ކުރިޔަށް ގެންދާ ގިނަ މަޝްރޫތަކަށް އަލިއަޅުއްވައި ސަފީރު ވަނީ ވާހަކަދައްކަވާފައެވެ. ސަފީރުގެ ވާހަކައިގައިވަނީ ރާއްޖޭގެ 100 ދަރިވަރަކަށް މިއަހަރުގެ ތެރޭ ޗައިނާއަށް ޒިޔާރަތްކުރަން ޚާއްސަ ފުރުޞަތެއް ދިނުމަށް ރާވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖޭގެ ޓުއަރ ގައިޑުންނަށް ޗައިނާ ބަސް ދަސްކޮށްދިނުމަށް ރާވާފައިވާކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާގެ ފޮޓޯގްރާފަރުން ނަގާފައިވާ 80 ފޮޓޯ ހިމެނޭ މިއެގްޒިބިޝަން ހަފްތާއެއް ވަންދެން އެމްއެންގެ މައި ކެންޕަހުގައި ކުރިޔަށްދާނެއެވެ.