ކުޅިވަރު

ރާއްޖޭގެ ޒުވާން ޓީޓީ ޓީމް ތައްޔާރު!


ލިބިފައިހުރި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ޓީޓީ ޓީމް އޮތީ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ފުރިހަމައަށް ތައްޔާރަށްކަމަށް ކޯޗު މުހަންމަދު ޔާސިރު ބުނެފިއެވެ.

މުބާރާތުގައި ބައިވެރިވާ ޖޫނިއަރ ޤައުމީ ޓީޓީމުގެ ފަރިތަކުރުންތައް މިހާރު ކުރިޔަށްދަނީ އިމާދުއްދީން ސުކޫލުގައެވެ. މުބާރާތައް ޓީމު ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޔާސިރު ބުނީ މުބާރާތަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށާއި، ރާއްޖޭގެ އަމާޒަކީ އެންމެފަހުން ބޭއްވި މުބާރާތުގައި ލިބުނުފަދަ ކާމިޔާބީއެއް ތަކުރާރުކުރުން ކަމަށެވެ. އެންމެފަހުން ލަންކާގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ވަނީ ރިހި މެޑެއްޔަކާއި، ލޯ މެޑައްޔެއް ހޯދާފައެވެ. ޔާސިރު ބުނީ އެކާމިޔާބީ ތާކުރާކުރަން ނުކުންނައިރު ކާމިޔާބީ ދަމަހައްޓަން ވަރަށް މަސައްކަތް ކުރަންޖެހޭނެކަމަށެވެ.
މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ޓީމަށް ލިބޭނެ ވަރަށް ބޮޑު އެޑުވާންޓޭޖެއް ކަމަށާއި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތުގައި ކުޅެން ފުރުސަތު ލިބުމަކީ ޓީމަށް ލިބޭނެ ހިތްވަރެއްކަން ކުރީގެ ޓީޓީ ކުޅުންތެރިޔާ ޔާސިރު ފާހަގަކުރިއެވެ.

" ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ޓީމް މިއޮތީ ހަމަ ފުރިހަމައަށް ތައްޔާރަށް. ރާއްޖޭގެ ޓީމްގެ އަމާޒަކީ އެންމެފަހުން ކުޅުނު މުބާރާތުގައި ހޯދުނު ކާމިޔާބީ ތަކުރާރުކުރުން." ޔާސިރު ބުންޏެވެ.

މުބާރާތަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އެއެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް އިސްމާއިލް ސުޖާއު ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކެއް މިއަދު ރާއްޖެ އަންނާނެކަމަށެވެ. ސުޖާ ވިދާޅުވީ މުބާރާތުގެ ގުރުލުން އޮންނާނީ މިރޭ ކަމަށާއި، ހުރިހާ ކަމެއް ރޭވުމުގައި އިސްކޮށް ހަވާލުވެ ހުންނާނީ ބައިނަލްއަޤްވާމީ އަންޕަޔަރެއްކަމަށެވެ.

" މިހާރު ބުނަން ވަރަށް ދަތި ކިހާ މެޗުތަކެއް ކަން ކުރިޔަށްދާނީ، މިރޭ ކުރިޔަށްދާނެ މުބާރާތުގެ ގުރުލުން. ގުރުލުމަށް ފަހު އެނގޭނީ މުބާރާތުގައި ކުޅޭނެ މެޗުތަކުގެ އަދަދުވެސް." ސުޖާ ވިދާޅުވިއެވެ.

ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ސައުތު އޭޝިޔާ ރީޖަންގެ ބޫޓާން ފިޔަވާ ހުރިހާ ޤައުމަކުން ބައިވެރިވެވެ. މިމުބާރާތުގައި ރާއްޖެއިން ދިހަ ކުޅުންތެރިން ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތް މާދަމާ ފަށާނެއެވެ. މުބާރާތް ނިމޭނީ އާދިއްތަ ދުވަހުއެވެ.