ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެކަމުގެ ޔަގީންކަން މިއަދު ލިބިއްޖެ- ހިލްޓަން


މި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ އަދި އިޤްތިޞާދީ ބިޔަ މަޝްރޫޢުތަކާއިއެކު މުސްތަޤްބަލުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން އެހެން ހަރުފަތަކަށް ދިއުމުގެ ޔަގީންކަން މިއަދު ލިބިފައިވާކަމަށް ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މަޝްހޫރު ހިލްޓަން ކުންފުނިން ބުނެފިއެވެ.

ހޮޓަލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމުގައި ވާހަކަދައްކަމުން ހިލްޓަން ކުންފުނީގެ ލަގްޒަރީ ހޮޓެލްސް އެންޑް ރިސޯޓްސް އިން އޭޝިއާ ޕެސިފިކްގެ ވައިސް ޕްރެސިޑެންޓް ޑެނިއަލް ވެލްކް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނަމޫނާ މަންޒިލެއްކަމަށެވެ. ހިލްޓަން ކުންފުނިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރެވުނީތީ ފަޚުރުވެރިވާކަން ފާހަގަކުރައްވަމުން ޑެނިއަލް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ބްރޭންޑްކަމަށެވެ.
މިގޮތުން ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދު އަޑީގެ ރީތިކަމަކީ ފަތުރުވެރިންގެ މެދުގައި މުޅި ދުނިޔެއިންވެސް އެންމެ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ތަންތަންކަމަސް ޑެނިއަލް ވިދާޅުވިއެވެ.
ޑެނިއަލް ވިދާޅުވީ، ކޮންރެޑްގައި ޤާއިމްކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރެންޓާއި ވޯޓަރ ވިލާ އަދި ކަނޑުއަޑީގައި ޤާއިމްކުރާ ގެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަދު ފާހަގަކޮށްލެވޭ ތަންތަންކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާ ބޮޑެތި އިންވެސްޓްމަންޓްތައް މިއަދު ކުރަމުން އަންނަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފައްޓަވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ސަބަބުން. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ފަށާފައިވާ ބިލިއަން ޑޮލަރުގެ މަޝްރޫޢުއާއިއެކު ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ" ޑެނިއަލް ވިދާޅުވިއެވެ.

ހިލްޓަން ކުންފުނިން ވަނީ ކޮންރެޑްގައި ޤާއިމްކުރާ ކަނޑުއަޑީގެ ގެ މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ހުޅުވާނެކަން އިޢުލާނުކޮށްފައެވެ. މުރަކައިގެ ނަމުން ނަންދީފައިވާ ކަނޑުއަޑީގެ މި ގެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވެގެންދާނޭކަމަށް ހިލްޓަން ކުންފުނިން ބުނެއެވެ.