ކުޅިވަރު

އިންޑިޔާ - ރާއްޖެ އެއް ގްރޫޕަކަށް


މިއަހަރުގެ ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެއާއި އިންޑިޔާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މިއަދު ބޭއްވި ސާފް ސުޒުކީ ކަޕްގެ ގުރުއަތުލުމުގައި ދެ ގްރޫޕަށް ސީޑް ކޮށްފައިވާ ދެ ޓީމަކީ މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝާއި، އެންމެ ފަހުގެ ޗެމްޕިއަން ޓީމް އިންޑިޔާއެވެ. މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝާއިއެކު ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ޕާކިސްތާންގެ އިތުރުން ބޫޓާންއެވެ.

ގްރޫޕް ބީގައި ހިމެނެނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އިންޑިޔާއާއި ދިވެހިރާއްޖެ އަދި ސްރީލަންކާއެވެ. ސަރަޙައްދީ ހަތް ޤައުމު ވާދަކުރާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފަށާނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހުއެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިޔާއެވެ. މީގެ އިތުރުން މި މުބާރާތް ކާމިޔާބުކޮށްފައިވާ ތިން ޓީމަކީ 2008 ގައި ދިވެހިރާއްޖެ، 2003 ގައި ބަނގްލަދޭޝްގެ އިތުރުން 2013 ވަނަ އަހަރު އަފްޣާނިސްތާންއެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1993 ވަނަ އަހަރުއެވެ. އެފަހަރު ލީގު ބުރެއް ގޮތަށް މުބާރާތް ކުޅުނު ނަމަވެސް އޭގެ ފަހުން ބޭއްވި ހުރިހާ މުބާރާތެއް ބާއްވާފައިވަނީ ގްރޫޕް ސްޓޭޖު ކުޅެ، ސެމީ ފައިނަލާއި ފައިނަލް ކުޅޭ ގޮތަށެވެ.