ކުޅިވަރު

އެކަށީގެންވާ ވަގުތު އެބައޮތް، އަހަރެން ފިޓްވާނެ: ނޭމާރ


ކުރިއަށް އޮތް ވޯލްޑްކަޕްގައި ހުންނާނީ ފިޓްކޮށްކަމަށް ނޭމާ ބުނެފިއެވެ.

މިދިޔަ މާރޗުމަހުގެ 6 ވަނަ ދުވަހު ލީގުގައި މާސޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާއަށް އަދި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭ ގޮތެއް ނުވެއެވެ. މިހާރު އޭނާ ކުރިއަށްގެންދަނީ ފިޒިއޮތެރަޕީގެ ސެޝަންތަކެވެ.
ނޭމާ ބުނީ މެއި މަހުގެ ފަހުކޮޅު ވޯލްޑްކަޕް ބްރެޒިލް ޓީމް ފަރިތަކުރުންތައް ފަށާއިރު ޓީމާއިއެކު ބައިވެރިވެވޭނެކަމަށެވެ. އޭނާ ބުނީ އެންމެ ފަހުގެ ސްކޭންތައް ހެދުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ސަތާރައިގައިކަމަށާއި، ވޯލްޑްކަޕަށް ފިޓުވާން އެކަށީގެންވާ ވަގުތު އޭނާއަށް އެބައޮތްކަމަށެވެ. އަދި އޭނާއަށް ވޯލްޑްކަޕްގައި ނުކުޅެވިދާނެކަމަށް ހީކޮށް ކަންބޮޑުނުވުމަށް ސަޕޯޓަރުންނަށް ނޭމާ ވަނީ ގޮވާލާފައެވެ.

ޖޫން މަހުގެ ސާދަވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބްރެޒިލްގެ ތަމްރީންތައް ފަށާނީ މޭމަހުގެ 21 ވަނަ ދުވަހުއެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލް ސްކޮޑުން ޖާގަ ޔަޤީންވެފައިވާ 15 ކުޅުންތެރިން މިދިޔަ މަހު އިއުލާންކޮށްފައެވެ.