ކުޅިވަރު

ޕެނަލްޓީގައި ޕޮލިސް ބަލިކޮށް އެމްޕީއެލް ޗެމްޕިއަންކަން ހޯދައިފި


ޕެނަލްޓީ ޖަހައިގެން 3-2 ލަނޑުން ޕޮލިސް ކްލަބް ބަލިކޮށް، އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގެ ޗެންޕިއަންކަން އެމް.ޕީ.އެލް ހޯދައިފިއެވެ.

ރޭ މާފަންނު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެމް.ޕީ.އެލް ޓީމުންނެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު ޝާމިލާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަށް ވެފައިވަނިކޮށް، އަނީޓާ ބަސްނެޓް ވަނީ ލަނޑެއް ޖަހާ ޕޮލިސް ކްލަބަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެފުރުސަތުތަކުގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ޕޮލިސް ކްލަބުގެ ކެޕްޓަން ފަދުވާ ޒާހިރަށް އަނިޔާވުވުމުން ވަނީ ބަދަލުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެކެއް އެކަކުން މެޗުގެ ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެމް.ޕީ.އެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ފާތިމާތު ޖޫޒާން ޒަރީރު އާއި، މަރިޔަމް ރިފާގެ އިތުރުން ސެޔެދެހްޒާރާއެވެ. ޕޮލިސް ކްލަބުން ސަބިތްރާ އަދި އަނީތާ ޖެހި ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ސަންފާ އިބްރާހިމް ޖެހި ޕެނަލްޓީ އެމް.ޕީ.އެލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗަށް ފަހު ޕީއެސްއެމް ސްޕޯރޓްސްއަށް މައުލޫމާތު ދެމުން އެމް.ޕީ.އެލްގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަބްދުއްރަޙްމާން ބުނީ މެޗު ކުރިޔަށްދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫން ކަމަށާއި، ޕެނަލްޓީ އާއި ހިސާބަށް ނުގޮސް މެޗުގެ ނަތީޖާ ނެރެވުނީސް ކަމަށެވެ.

މެޗުން ބަލިވި ޕޮލިސް ކްލަބުގެ ކޯޗު ހުސައިން ޝިފާޒް ބުނީ، މެޗުން ބަލިވީ ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ކަމަށެވެ. ޝިފާޒް ބުނީ ދެވަނަ ހާފުގައި އެޓީމުގެ ކެޕްޓަން ފަދުވާ ޒާހިރަށް އަނިޔާވުމުން، މެޗުގެ ފަހުބައި އޭނާއާއި ނުލާ ކުޅެން ޖެހުމުން ޓީމް ޕްރެޝަރަށް ދިޔަކަމަށެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އެމް.ޕީ.އެލްގެ އައިމިނަތު ޝާމިލާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކްލަބުގެ ސަބިތްރާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެމް.ޕީ.އެލްގެ ކޯޗު އަހުމަދު ވިސާމްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:
- އައިމިނަތު ޝާމިލާ ( އެމްޕީއެލް )
- ފާޠިމަތު ޝާލިޔާ ( އެމްޕީއެލް )
- ފަދުވާ ޒާހިރު ( ޕޮލިސް ކްލަބް )
- އަޒަމް އަހޮންދީ ( އެމްޕީއެލް )
- ސަބިތްރާ ބަންދާރީ ( ޕޮލިސް ކްލަބް )